ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ އަމިއްލަ ނަންފުޅުގައި ހުރި ތަންތަނާއި ތަކެތި ދައުލަތަށް ނެގުމަށް 1986 ވަނަ އަހަރު އޭރުގެ ހައިކޯޓުން ކޮށްފައިވާ ހުކުމް އިސްތިއުނާފު ކުރުމުގެ ހުއްދަ ދެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ނާސިރުގެ ދޮށީ ފިރިހެން ދަރިކަލުން އަހުމަދު ނާސިރަށް އަންގަވައިފި އެވެ.

އަހުމަދު ނާސިރަށް ސުޕްރީމް ކޯޓުން ދެއްވާފައިވާ ތިން ސޮފުހާގެ ޖަވާބުގައި ބުނެފައި ވަނީ، ޝަރުޢީ އަދި ގާނޫނީ ހަމަތަކުގެ މައްޗަށް ވިސްނައި ބަލާ އިރު، މުވައްރިޘެއްގެ ހަޔާތުގައި އޭނާ އުފުލާފައި ނުވާ ޖިނާއީ ދައުވާއެއް އެފަދަ މުވައްރިޘެއްގެ ޝަޚުސީ ޒިންމާއެއް އޮންނަ ކަމެއްގެ މައްޗަށް އޭނާގެ ފަރާތުން ދައުވާ އުފުލުމުގެ ހައްގު ވާރިސުންނަށް ލިބިދޭ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތް ކަމަށެވެ. އެހެން ކަމުން އިބްރާހީމް ނާސިރުގެ ހަޔާތުގައި އޭނާ އުފުލާފައި ނުވާ އޭނާގެ ޝަޚުސާ ގުޅުން ހުރި ޖިނާއީ ދައުވާއެއް އުފުލުމުގެ ހައްގު އިބްރާހީމް ނާސިރުގެ ވާރިސަކަށް ވިޔަސް ލިބިގެން ނުވާނެ ކަމަށް ސުޕްރީމް ކޯޓުން ދެއްވި ޖަވާބުގައި ބުނެފައިވެ އެވެ.

ސުޕްރީމް ކޯޓުގެ ޖަވާބުގައި ބުނެފައި ވަނީ، އޭރުގެ ހައިކޯޓުން އިބްރާހީމް ނާސިރުގެ މައްޗަށް ކޮށްފައިވާ ހުކުމުން ނާސިރު ދައުލަތުގެ ފައިސާ އަށް ޚިޔާނާތްތެރިވެފައިވާކަން ރަނގަޅަށް އެނގެން އޮތް އިރު، އިބްރާހީމް ނާސިރުގެ މައްޗަށް ދިވެހި ދައުލަތުގެ ބަންޑާރަ ނައިބުގެ ފަރާތުން ހުށަހަޅާފައިވާ އެ ދައުވާ އަށް ޖަވާބުދާރީ ވުމަށް ޓަކައި ދިވެހި ރާއްޖޭގެ ހައިކޯޓަށް ހާޒިރު ވުމަށް ނުވަތަ ނާސިރުގެ ބަދަލުގައި ޝަރީއަތުގެ މަޖިލީހުގައި ނާސިރު ތަމްސީލު ކުރާނޭ ފަރާތެއް ހަމަޖެއްސުމަށް ހައިކޯޓުން ފުރުސަތު ދީފައިވާ ކަމާއި އެހެން ނަމަވެސް އެއިން ފުރުސަތެއްގެ ބޭނުން އިބްރާހީމް ނާސިރު ހިއްޕަވާފައި ނުވާ ކަން ފާހަގަ ކުރެވެން އޮތް ކަމަށެވެ.

އަދި އެ ސަބަބުތަކަށް ބަލާ އިރު، އިބްރާހީމް ނާސިރުގެ މައްޗަށް ހުށަހެޅިފައިވާ އެ ދައުވާ އަކީ އެ ދައުވާ އިން ދިފާއު ވުމަށް އިބްރާހީމް ނާސިރު އެއްވެސް މިންވަރަކަށް ބޭނުންވާ ދައުވާއެއް ކަމަށް ބެލެވެން ޖެހޭ ސަބަބެއް ނެތް ކަމަށް ވެސް ސުޕްރީމް ކޯޓުން ދީފައިވާ ޖަވާބުގައިވެ އެވެ.

އެ ޖަވާބުގައި އިތުރަށް ބުނެފައިވާ ގޮތުގައި، ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ މައްޗަށް ވިސްނައި ބަލާ އިރު ކޮންމެ ދައުވާއަކީ ވެސް އެ ދައުވާ އަކަށް ޖަވާބުދާރީ ވުމުގެ ޒިންމާ އުސޫލެއްގެ ގޮތުން އެ ދައުވާއެއް ރައްދުވާ ފަރާތުގެ މައްޗަށް އޮންނަ ކަމެކެވެ. އަދި އެ ދައުވާއެއް ރައްދުވާ ފަރާތަކުން ނުވަތަ އެފަދަ ފަރާތެއް ތަމްސީލު ކުރާ އެ ފަރާތަކުން ކަނޑައަޅާ ފަރާތަކަށް މެނުވީ އެ ދައުވާ އަކަށް ގާނޫނީ ގޮތުން ޖަވާބުދާރީ ނުވެވޭނެތީ އާއި އިބްރާހީމް ނާސިރުގެ މައްޗަށް ދިވެހި ރާއްޖޭގެ ހައިކޯޓުގެ ގަޒިއްޔާގައި ހުށަހެޅުނު ޚިޔާނާތުގެ ކުށުގެ ދައުވާ އަށް ޖަވާބުދާރީ ވުމަށް ފުރުސަތު އިބްރާހީމް ނާސިރަށް ލިބި، އިބްރާހީމް ނާސިރު ނުވަތަ އެ ފަރާތް ތަމްސީލު ކުރާ ފަރާތަކަށް ވެސް އެ ދައުވާ އަށް ޖަވާބުދާރީ ވުމުގެ ފުރުސަތު އިބްރާހީމް ނާސިރު ފަހިކޮށްދީފައި ނުވާކަން ފާހަގަ ކުރެވިފައިވާ ކަމަށް ސުޕްރީމް ކޯޓުން ބުނެފައިވެ އެވެ.

"އިބްރާހީމް ނާސިރު ނިޔާވެފައި ވަނީ ބުނެވި ދިޔަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 30/HC/84 ގަޒިއްޔާގައި ފައިސަލާ ކުރަނިވި ހުކުމެއް ކުރެއްވިތާ 22 އަހަރާއި ނުވަ މަހާއި 21 ދުވަސް ފަހުން، މީލާދީ ސަނަތުން 2008 ވަނަ އަހަރުގެ 11 ވަނަ މަހުގެ 22 ވަނަ ދުވަހުގައި ކަން އެނގެން އޮތުމުން، އިބްރާހީމް ނާސިރު ނިޔާ ވަންދެން ވެސް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު:30/HC/84ގެ ގަޒިއްޔާގައި އިބްރާހީމް ނާސިރުގެ މައްޗަށް ކުރައްވައިފައިވާ ހުކުމާ މެދު ނުވަތަ އިބްރާހީމް ނާސިރުގެ މައްޗަށް އެ ގަޒިއްޔާގައި ސާބިތު ވެފައިވާ ޚިޔާނާތުގެ ކުށުން ބަރީއަ ވުމަށް ޓަކައި އިބްރާހީމް ނާސިރު ގާނޫނީ ގޮތުން އަޅަން ބޭނުންވި ފިޔަވަޅެއް އޮތް ކަމަށް ގާނޫނީ ހަމަތަކުގެ މަތިން ބެލެވޭނެ ތަނެއް ނެތް،" ސުޕްރީމް ކޯޓުން ރައީސް ނާސިރުގެ ދަރިކަލުންނަށް ދިން ޖަވާބުގައިވެ އެވެ.

އެ ޖަވާބާ ގުޅިގެން، މި ވަގުތު ސްރީލަންކާގައި ހުންނެވި ރައީސް ނާސިރުގެ ދަރިކަލުން އަހުމަދު ނާސިރަށް ދެންނެވި ސުވާލަކަށް އެސްއެމްއެސް މެދުވެރިކުރައްވައި ދެއްވި ޖަވާބުގައި ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުން ދެއްވި ޖަވާބާ މެދު އިތުރު އެއްޗެއް ވިދާޅުވާން ބޭނުންފުޅު ނުވާ ކަމަށާއި އެހެން ނަމަވެސް އެ ޖަވާބާ މެދު ހިތާމަ ކުރައްވާ ކަމަށެވެ.