06 Feb 2018, 15:20
މިދިޔަ އަހަރު ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގުކޮށް، ނިންމި ހަ މައްސަލައަކުން ޖުމްލަ 1.3 ބިލިޔަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ލިބެންޖެހޭ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އޭސީސީން މިއަދު ބުނި ގޮތުގައި، މިދިޔަ އަހަރު ބެލި މައްސަލަތަކުން 1,389,474,967 ރުފިޔާ ދައުލަތަށް ލިބެންޖެހޭ އިރު، އެ ފައިސާ އަނބުރާ ހޯދުމަށް ދައުލަތުގެ އެކި އިދާރާތަކަށް އޭސީސީން ވަނީ އަންގައިފައެވެ.
އޭސީސީ އިން ބުނީ 1.3 ބިލިއަން ރުފިޔާގެ ތެރެއިން 45.3 މިލިއަން ރުފިޔާ އަކީ މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރގައި ދައުލަތަށް އަނބުރާ ހޯދުމަށް އެންގި ފައިސާ ކަމަށް އޭސީސީން ބުންޏެވެ.
ކޮމިޝަނުން ބުނީ 17.8 މިލިއަން ރުފިޔާ އަކީ ދައުވާ ކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލައިގައި ހިމެނޭ ފައިސާގެ އަދަދު ކަމަށެވެ. މި ފައިސާއަކީ މިއަހަރުގެ ފަހު ކުއާޓަރުގައި އޭސީސީން ބެލި ދެ މައްސަލައެއް ބަލައި، އޭގެ ތެރެއިން އެއް މައްސަލައަކާ ގުޅިގެން ދައުލަތަށް އަނބުރާ ލިބެންޖެހޭ ފައިސާއެވެ. އޭސީސީން ބުނީ، އެ މައްސަލަތަކާ ގުޅިގެން ޕީޖީއަށް ފޮނުވީ ނާޖާއިޒު ފައިދާ ހޯދައިދިނުމާ ގުޅޭ އަށް ދައުވާއެއް ކުރުމަށް ކަމަށެވެ.
އޭގެ އިތުރުން، ފަސް މައްސަލައެއްގައި އެކަށީގެންވާ ވަރަށް ހެއްކާއި ގަރީނާ ލިބިފައި ނެތުމުން، ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެންނުވާކަމަށް ނިންމާފައިވާ ކަމަށް އޭސީސީން ބުނެއެވެ. އެ މައްސަލަތަކުގައި ހިމެނޭ ފައިސާގެ އަދަދަކީ 27.5 މިލިޔަން ރުފިޔާ ކަމަށް އޭސީސީން ބުންޏެވެ.