06 Feb 2018, 16:07
ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅެމުން އައި ގޯލް ކީޕަރު އަބްދުﷲ ޒިޔަޒަން ވިކްޓްރީ ސްޕޯޓްސް ކްލަބަށް ސޮއިކޮށްފިއެވެ.
ޒިޔަޒަން ވިކްޓްރީއަށް ސޮއިކުރިކަން އެ ކްލަބުން "ސަން ސްޕޯޓްސް"އަށް ވަނީ ޔަގީންކޮށްދީފައެވެ.
މީގެ ކުރިންވެސް ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ބައެއް ކްލަބުތައް ކަމަށްވާ ވިޔެންސާއާއި ވީބީ އައްޑޫ އެފްސީ އަދި ނިއުއިންވެސް ފެނުނު ޒިޔަޒަން ފުރަތަމަ ޑިވިޝަނުން ގެއްލުނީ އަނިޔާގެ ސަބަބުންނެވެ. ނަމަވެސް މިދިޔަ ސީޒަންގައި ޒިޔަޒަން އަލުން ނިއުއާ ގުޅުނީ 2016 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް އޭނާގެ ރަށް، ބ. އޭދަފުއްޓަށް އެ މުބާރާތް ހޯދައިދިނުމުގައި މުހިންމު ރޯލެއް އަދާކުރުމަށްފަހުއެވެ.
މިދިޔަ ސީޒަންގައި ނިއުގެ ފުރަތަމަ ކީޕަރެއްގެ ރޯލުން ފެނުނީ ތަޖުރިބާކާރު ކީޕަރު އިމްރާން މުހައްމަދު (އިންމަ)އެވެ. އެހެން ނަމަވެސް ސަސްޕެންޝަންގެ ސަބަބުން މާލޭ ލީގުގައި އިންމަ ނުކުޅެ ހުންނަން ޖެހުނު މެޗުތަކުގައި ޒިޔަޒަންގެ ފަރާތުންވަނީ ރަނގަޅު ކުޅުމެއް ފެނިފައެވެ. އަދި މިދިޔަ އަހަރު ރާއްޖޭގެ ގައުމީ ޓީމުން ކުޅުނު އޭޝިއަން ކަޕުގެ ކޮލިފައިން ތިން މެޗެއްގެ ގައުމީ ސްކޮޑުގައިވެސް ޒިޔަޒަން ވަނީ ހިމެނިފައެވެ.
ނިއުރޭޑިއަންޓުން ވަނީ މިދިޔަ އަހަރުގެ ސިޔާމް މައުރޫފް ސޮކާ ކަޕްގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު ހޯދި ހަސަން އަބްދުލްހަކީމް އެޓީމަށް ގެނެސްފައެވެ. ހަސަންގެ އިތުރުން ދެން ނިއުއިން މި ސީޒަންގައި ފެންނާނީ ތަޖުރިބާކާރު ކީޕަރު އިމްރާން މުހައްމަދު (އިންމަ) އަދި ގައުމީ ޓީމުގެ އެއް ނަންބަރު ކީޕަރު މުހައްމަދު ފައިސަލްއެވެ.
މި ފެށޭ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ވިކްޓްރީއަށް ސޮއިކޮށްފައިވާ ކުޅުންތެރިންގެ ތެރޭގައި ގައުމީ ޓީމުގެ ޑިފެންޑަރު ޝާފިއު އަހުމަދު (ޝާފީ)އާއި މުހައްމަދު އިމްރާން (ކުޑަ އިންމަ)ގެ އިތުރުން ޓީސީގެ ކެޕްޓަން ބޭންޑް މިދިޔަ ސީޒަންގައި އެޅި އަލީ ނާފިއު އަދި ކްލަބު ގްރީން ސްޓްރީޓްސްއަށް މާލޭ ލީގުގައި މޮޅު ކުޅުމެއް ދެއްކި އަހުމަދު ރަޝީދު (އަންމަޑޭ) ވެސް ފާހަގަކޮށްލެވުނެވެ.
ވިކްޓްރީއަށް މިހާތަނަށް ސޮއިކޮށްފައިވާ ބިދޭސީ ކުޅުންތެރިޔަކީ ވެލެންސިއާއަށް ވެސް ކުޅުނު އަދި މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި އއ. މާޅޮހަށް މޮޅު ކުޅުމެއް ދެއްކި އެންހެލް ކަރަސްކޯސާ މުނޯޒެވެ. މުނޯޒްގެ އިތުރުން ބިދޭސީ ތިން ކުޅުންތެރިން މިސީޒަންގައި ވިކްޓަރީން ފެންނާނެ ކަމަށް އެ ކްލަބުގެ ޗެއާމަން އިބްރާހީމް ނަޒީމް ވަނީ ވިދާޅުވެފައެވެ.