ރައީސުލްޖުމޫހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދުގެ މެންދުރު ފަހު 1:30ގައި ދިވެހި ގައުމާ މުހާތަބުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ގައުމާ މުހާބަތު ކުރެއްވުން މިއަދު މެންދުރު ފަހު 1:30ގައި އޮންނާނެ ކަމަށެވެ.

ރައީސް ގައުމާ މުހާތަބުކުރެއްވުމަށް ހަމަޖެހިފައިވާ އިރު، އެމަނިކުފާނު ވަނީ އިއްޔެއިން ފެށިގެން 15 ދުވަހުގެ މުއްދަތަށް ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރައްވައިފަ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ރައީސް ޔާމީން ވަނީ ބަންދުކުރާ މީހުން 24 ގަނޑި އިރު ތެރޭގައި ކޯޓަށް ހާޒިރުކޮށް ބަންދުގެ މުއްދަތާ މެދު ގޮތެއް ނިންމަން ޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބުނާ މާއްދާ އާއި ތަހުގީގުގައި ހަނުހުރުމުގެ ހައްގު ލިބިދޭ މާއްދާ ހިފަހައްޓައިފަ އެވެ.