ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އާ އަލަށް މި އަހަރު ގުޅުނު ކުދިންނަށް މަރުހަބާ ކިޔުމަށް އެ ޔުނިވާސިޓީ އިން ހަފްލާއެއް ބާއްވައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު އެމްއެންޔޫގައި "ސްޓޫޑަންޓް ނައިޓް"ގެ ނަމުގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ލަތީފު ވިދާޅުވީ އެ ޔުނިވާސިޓީ އިން ތައުލީމު ހާސިލުކޮށް މުޖުތަމައަށް ނުކުންނަ ދަރިވަރުންނަކީ ތަފާތު ދައްކައިދޭނެ، އަދި ގައުމީ ހިދުމަތުގައި ދެމިތިބޭނެ ބަޔަކަށް ވާންވާނެ ކަމަށެވެ.

"ދަރިވަރުންގެ ކިބައިން މަޑުމައިތިރިކަމާއި ތޫނުފިލިކަމާއި ތެދުވެރިކަމާއި އިހްލާސްތެރިކަން ފަދަ ރަނގަޅު ސިފަތައް ފެންނަންވާނެ. އެ ކުއްޖަކަށް ވީ ވަރަކުން އެކި ހަރަކާތްތަކުގައި ބައިވެރިވާން ވާނެ،" ލަތީފު ވިދާޅުވި އެވެ.

ލަތީފު ވިދާޅުވީ ކޮންމެ ދަރިވަރަކު ވެސް މުޖުތަމައު އަށް ފައިދާކުރަނިވި ވޮލަންޓަރީ މަސައްކަތެއްގައި ޝާމިލްވެ އުޅުމަށް ވަގުތު ކޮޅެއް ހުސްކުރެރަން ވާނެ ކަމަށެވެ.

އެމްއެންޔޫ އަށް މި އަހަރުގެ ޖަނަވަރީ މަހު އަލަށް ގުޅުނު 3234 ދަރިވަރުންނާ އެކު، ޔުނިވަސިޓީގެ އެކި ކޯސްތަކުގައި މި އަހަރުގެ ތެރޭގައި ޖުމްލަ 9000 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުންގެންދާނެ ކަމަށް އެ ޔުނިވާސިޓީ އިން ބުންޏެވެ.