06 Feb 2018, 10:26
އިނގިރޭސި ޕްރިމިއާލީގުގައި ޗެލްސީއާއި ވަޓްފޯޑު ވާދަކުރި މެޗު ވަޓްފޯޑުން ތަފާތު ބޮޑުކޮށް ކާމިޔާބުކޮށްފި އެވެ.
ވަޓްފޯޑު ދަނޑުގައި ރޭ ކުޅުނު މެޗު 4-1ގެ ނަތީޖާއަކުން އެޓީމުން ކާމިޔާބުކޮށްފައިވާ އިރު، މެޗުގެ ފުރަތަމަ ހާފްގައި ޗެލްސީގެ މިޑްފީލްޑަރު ޓިމޯ ބަކަޔޯކޯއަށް ދެއްކި ރަތް ކާޑާއެކު މެޗުގެ ބޮޑުބައެއް ޗެލްސީން ކުޅުނީ އެއް ކުޅުންތެރިޔަކު މަދުންނެވެ.
މެޗުގެ ކުރީ ކޮޅުގައި ވެސް ބަކަޔޯކޯގެ ފަރާތުން ގޯސްތަކެއް ފެނިފައިވާ އިރު، 25 ވަނަ މިނެޓުގައި އޭނާއަށް ވަނީ ފުރަތަމަ ރީނދޫ ކާޑު ދައްކައިފަ އެވެ. އަދި 30 ވަނަ މިނެޓުގައި ކުރި ފައުލަކާ އެކު ބަކަޔޯކޯއަށް ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައިފަ އެވެ.

މެޗުގައި ވަޓްފޯޑުގެ ޑެލޮފޭއަށް ޗެލްސީގެ ކީޕަރު ކޯޓުއާ ފައުލް ކުރަނީ --- ފޮޓޯ/ އޭޕީ
ވަޓްފޯޑުން މެޗުގެ ލީޑު ނެގީ 42 ވަނަ މިނެޓުގަ އެވެ. ޗެލްސީގެ އޭރިއާ ތެރެއިން ކީޕަރު ތިބޯ ކޯޓުއާ ވަޓްފޯޑުގެ ފޯވަޑް ޖެރާޑް ޑެލޮފޭއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނެލްޓީ، ވަޓްފޯޑަށް ކާމިޔާބުކޮށްދިނީ ޓްރޯއީ ޑީނީއެވެ. މެޗުގެ ފުރަތަމަ ހާފް 1-0ގެ ނަތީޖާއަކުން ނިމިފައިވާ އިރު، ޗެލްސީން ވަނީ އެޓީމަށް އަލަށް ގުޅުނު ފޯވަޑް އޮލިވިއާ ޖިރޫ ދެވަނަ ހާފްގައި ނެރެފަ އެވެ.

ރޭގެ މެޗުގައި ޗެލްސީއާއި ޖިރޫ --- ފޮޓޯ/ އޭޕީ
މެޗުގެ ދެވަނަ ހާފްގެ ބޮޑުބައެއްގައި ވަޓްފޯޑުން ލީޑުގައި އޮތް ނަމަވެސް 82 ވަނަ މިނެޓުގައި އެޑިން ހަޒާޑްގެ ގޯލާ އެކު ޗެލްސީން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. ނަމަވެސް މެޗުގެ 84 ވަނަ މިނެޓުގައި ޑެރީލް ޔަންމާޓް ވަނީ ވަޓްފޯޑަށް އަލުން ލީޑު ނަގައިދީފަ އެވެ. އަދި 88 ވަނަ މިނެޓުގައި ވަޓްފޯޑުން ވަނީ އިތުރު ގޯލައަކާ އެކު މެޗުގެ ލީޑު ފުޅާކޮށްފަ އެވެ. މި ގޯލް ވަޓްފޯޑަށް ކާމިޔާބުކޮށްދިނީ ފިނި މޫސުމުގެ ޓްރާންސްފާ ސީޒަންގައި ބާސެލޯނާއިން އެޓީމަށް ބަދަލުވި ޖެރާޑް ޑެލޮފޭ އެވެ. މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ރޮބާޓޯ ޕެރޭރާގެ ގޯލުން ވަޓްފޯޑުންވަނީ ސްކޯ 4-1 އަކަށް ބަދަލުކޮށްލާފަ އެވެ.

މެޗުގައި ފުރަތަމަ ގޯލް ޖެހި ޑީނީ އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ
ޗެލްސީ ވަނީ އިނގިރޭސި ޕްރިމިއާލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ.
ރޭގެ މެޗުން ބަލިވެ ޗެލްސީއަށް ވަނީ ލީގު ތާވަލުގެ ތިންވަނައަށް އެރުމަށް ލިބުނު ފުރުސަތު ގެއްލިފަ އެވެ. ޗެލްސީން ކުޅުނު 26 މެޗުން 50 ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނާގައި އޮތް ލިވަޕޫލްއަށް ލިބެނީ 26 މެޗުން 51 ޕޮއިންޓެވެ. ވަޓްފޯޑު އޮތީ ލީގު ތާވަލުގެ 11 ވަނައިގަ އެވެ.