ޓްރިޕޮލީ (އޮގަސްޓް 19) : ލީބިޔާގެ އިދިކޮޅު ހަނގުރާމަވެރިން ތިންފަރާތުން ވެރިރަށް ޓްރިޕޮލީ ވަށާލައި އޭގެ އެތެރެއިން އެއްބަޔަކު ޓްރިޕޮލީއަށް މިހާރު ވަދެފައިވާއިރު ލީބިޔާގެ ޒަޢީމް މުޢައްމަރުލްޤައްޒާފީ ލީބިޔާ ދުރުކުރައްވައި ބޭރުގައުމަކަށް ވަޑައިގަތުމަށް ތައްޔާރުވަމުންދާ ކަމަށް ޚަބަރު ލިބިއްޖެއެވެ.
ޖާސޫސީ ބައެއް ފަރާތްތަކާ ޙަވާލާދީ އެން.ބީ.ސީ. ޓީވީ ނެޓްވާރކް ބުނިގޮތުގައި ގައްޒާފީއާއި އޭނާގެ ޢާއިލާ ޓްރިޕޮލީ ދޫކުރައްވައި ތޫނިސްއަށް ވަޑައިގަތުމަށް ތައްޔާރުވަމުން ދާ ކަމަށާ ކުރިޔަށްއޮތް ހައެއްކަ ދުވަހުގެ ތެރޭގައި ގައްޒާފީއާއި ޢާއިލާ އަަށްޓެރި ތޫނިސްއަށް ވަޑައިގަތުމަކީ އެކަށީގެންވާ ކަމެކެވެ.
ޖާސޫސީ އެހެން ރިޕޯޓްތަކެއް ބުނާގޮތުން ދެކުނު އެފްރިކާއާއި ރަޝިޔާއާއި ވެނެޒުއެލާއާއި ބެލަރޫސް ގުޅިގެން ގައްޒާފީއާއި އޭނާގެ ޢައިލާއަށް ލީބިޔާއިން ބޭރުގައި އަމާން ހިޔާވައްސެއް ހޯދުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށާ ވެނެޒުއެލާ ނޫނީ ދެކުނު އެފްރިކާއިން ގައްޒާފީއަށާއި އޭނާގެ ޢާއިލާއަށް ޙިމާޔަތް ދިނުމަކީ އެކަށީގެންވާ ކަމެކެވެ. ގައްޒާފީއާއި އޭނާގެ އާއިލާ ޤައުމުން ބޭރަށް ގެންދިޔުމަށްޓަކައި އއިއްޔެ ޓްރިޕޮލީއަށް މަތިންދާބޯޓެއް ފޮނުވާފައިވާ ކަމަށްވެސް ޤުދްސު ޕްރެސް ޚަބަރުދެއެވެ. ނަމަވެސް މިއިން އެއްވެސް ޚަބަރެއް އަދި ކަށަވަރު ވެފައެއްނުވެއެވެ.
އަނެއްކޮޅުން ލީބިޔާގެ އިދިކޮޅު އިންތިޤާލީ މަޖިލީހުގެ ބައެއް އިސް ފަރާތްތަކާއި ގައްޒާފީގެ ސަރުކާރުގެ ފަންނީ ތަޖްރިބާކާރުންގެ ޓީމަކާ ދެމެދު ތޫނިސްގައި ވާހަކަތަކެއް ދެކެވެމުންދާކަން އިދިކޮޅު ހަނގުރާމަވެރިންވަނީ ކަށަވަރުކޮށްދީފައެވެ. ލީބިޔާގެ އިދިކޮޅު އިންތިޤާލީ މަޖިލީހުގެ ރައީސް މުސްތަފާ ޢަބްދުލްޖަލީލް ވަނީ ފުރަތަމަ މިޚަބަރު ދޮގުކުރައްވާފައެވެ. ނަމަވެސް އެއަށްފަހު އޭނާ ވިދާޅުވީ ގައްޒާފީގެ ސަރުކާރާ ވާހަކަ ދެއްކި ނަމަވެސް ވާހަކަ ދައްކާނީ ހަމައެކަނި ގައްޒާފީއާއި އޭނާގެ ޢާއިލާ ލީބިޔާއިން ބޭރުވުމަށް މަގުފަހި ކުރުމުގެ ގޮތުން ކަމަށް ވިދާޅުވެފައެވެ.
ހަނގުރާމަވެރިން އެއްބަޔަކު ޓްރިޕޮލީ ޙިސާރު ކޮށް އަނެއްބަޔަކު އެރަށަށް ވަދެފައިވާއިރު ގައްޒާފީގެ ބާރުތަކުގެ ޙަމަލާތަކުގައި ވޭތުވެދިޔަ 48 ގަޑީއިރު ތެރޭގައި އިދިކޮޅު ހަނގުރާމަވެރިންގެ 70 މީހަކު މަރުވެ އެތަށް ބަޔަކު ޒަޚަމްވެފައިވެއެވެ. އިދިކޮޅު އިންތިޤާލީ މަޖިލީހުގެ އސްވެރިއެއް ކަމަށްވާ މަޙްމޫދް އައްޝައްމާމްވަނީ ގައްޒާފީ ލީބިޔާއިން ފުރާވަޑައިނުގެންފިނަމަ ޓްރިޕޮލީގައި ވަރުގަދަ ޤަތްލު އާންމެއް ހިނގައިފާނެ ކަމުގެ ބިރުހީވެފައިވާ ކަމަށް ވިދާޅުވެފައެވެ.
އަނެއްކޮޅުން ނޭޓޯއިންވެސް ރޭވަނީ ޓްރިޕޮލީގެ އެތަން މިތަނަށް ވައިގެ ހަމަލާތައް ދީފައެވެ. މިޙަމަލާތަކުގައި ގިނަޢަދަދެއްގެ ބަޔަކު މަރުވެފައި ވާކަމަށްވެސް ޚަބަރުލިބެއެވެ. (އަލްޖަޒީރާ+ޤުދްސު ޕްރެސް)