ސްރީލަންކާ އިން ރާއްޖެ އަށް އިމްޕޯޓްކުރާ ތަކެތިން ދިހަ މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ދިނުމަށާއި ސާކް ސަމިޓަށް ސަރުކާރުން ވަމުންދާ ތައްޔާރީތަކަށް އެހީތެރިވެދިނުމުގެ ގޮތުން ހަ ކިލޯ މީޓަރުގެ މަގެއް ހަދައިދޭނެ ކަމަށް ލަންކާ ސަރުކާރުން އެއްބަސް ވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދު ދެއްވި 111 ވަނަ ހަފްތާގެ ރޭޑިއޯ ޚިތޯބުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެ އަށް ލަންކާ އިން އިމްޕޯޓްކުރާ ތަކެއްޗަށް ދިހަ މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ހަމަޖެހިގެން ދިއުމުން ރާއްޖެ އަށް މުދާ އެތެރެކުރާ ފަރާތްތަކަށް އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށެވެ. އަދި ބޭރު ފައިސާގެ ދަތިކަމަށް ވެސް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް އަންނަ ނޮވެމްބަރު މަހު ރާއްޖޭގައި ބާއްވާ 17 ވަނަ ސާކް ސަމިޓަށް ސަރުކާރުން ވަމުންދާ ތައްޔާރީތަކަށް އެހީތެރިވެދިނުމުގެ ގޮތުން ހަ ކިލޯ މީޓަރުގެ މަގެއް ސްރީލަންކާ ސަރުކާރުން ހަދައިދިނުމަށް އެއްބަސްވެފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ، ފޭދޫ މައި މަގާއި އަދި މަރަދު އާއި މަރަދޫފޭދޫގެ މައިމަގު ރަނގަޅު ފެންވަރަކަށް ހަދައި ނިންމޭނެ ގޮތްވާނެ. އެހެންނަމަވެސް، މިދެންނެވި މަގު އެއީ، ހިތަދޫ ބޮޑުމަގު، އެނގިވަޑައިގަންނަވާނެ މިހާރު މިދަނީ ހެދެމުން. މިދެންނެވި ފޭދު އާއި މަރަދޫފޭދު އާއި މަރަދޫގެ މަގު، ސަމިޓާ ހަމައަށް ނިންމާލުމަކީ ވަރަށްބޮޑު މަސައްކަތަކަށްވާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސަމިޓަށް ނުނިންމުނު ނަމަވެސް، އައްޑު އަތޮޅުގެ އެތެރޭގެ ހުރިހާ ރަށެއްގެ ބޮޑުމަގު، ހުޅުދު އާއި މީދޫ ފިޔަވައި ހަދައި ނިމޭނެ ކަމަށެވެ. އަދި އެ މަގު ހެދުމުގެ ކުރީގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމް ކުރަން ޖެހުމުން މަގު ހެދުމަށް އަދި އިތުރު ތުރާ ތަކަކަށް ވެގެންދާނެ ކަމަށެވެ.

ސްރީލަންކާ އާ އެކު ސަމިޓްގެ އިތުރު މަޝްވަރާތަކެއް ވެސް ކުރެއްވި ކަމަށާއި އެގޮތުން ރާއްޖޭގައި ބާއްވާ ސާކް ސަމިޓަކީ ކާމިޔާބު ސަމިޓަކަށް ހެދުމަށް ޓަކައި ލަންކާ ސަރުކާރުން ދެވެން އޮތް ހުރިހާ އެހީތެރިކަމެއް އެއްބާރުލުމެއް ދެއްވާނެ ކަމަށް ސްރީލަންކާގެ ރައީސް ވިދާޅުވި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"ސިލޯނު ސަރުކާރުގެ އެހީތެރިކަމާއި އަދި ސާކްގެ އެހެންވެސް ޤައުމުތަކުގެ އެހީތެރިކަމާއެކުގައި އަޅުގަނޑު ދެކެނީ، އަޅުގަނޑުމެންނަށް ކާމިޔާބު ސަމިޓެއް އިރާދަކުރެއްވިއްޔާ ބޭއްވޭނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.
ރަޢީސް ނަޝީދު ބުދަ ދުވަހު ސްރީލަންކާ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާ ލެއްވުމަށް ފަހު ރާއްޖެ ވަޑައިގަތީ ރޭގެ ވަގުތެއްގަ އެވެ.