05 Feb 2018, 20:05
ފާރިސް މައުމޫނު ބަންދު ކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު އެ ކޯޓުން ބާތިލުކޮށް ވަގުތުން ދޫކޮށްލަން އަމުރުކޮށްފިއެވެ.
ކޯޓު އަމުރެއްގެ ދަށުން ފާރިސް މައުމޫން ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. އަދި އެ ދުވަހު ފާރިސް ބަންދުގައި ބެހެއްޓުމަށް ވަނީ 15 ދުވަސް ކޯޓުން ޖަހައިދީފައެވެ. ފާރިސްގެ މައްޗަށް ކުރަނީ ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިންކަމުގެ ތުހުމަތެވެ.
ނަމަވެސް ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އަމުރުގައި ނުވަ ސިޔާސީ ކުށްވެރިއަކާއެކު ފާރިސް ވެސް ދޫކޮށްލުމަށް ވަނީ އަމުރު ނެރެފައެވެ.
ކްރިމިނަލް ކޯޓުން މިއަދު ނެރުނު އަމުރުގައި ވަނީ ސުޕްރީމް ކޯޓުން ފާރިސް މައުމޫން ދޫކޮށްލުމަށް އަމުރުކޮށްފައިވާތީ ކްރިމިނަލް ކޯޓުން މީގެކުރިން ފާރިސް މައުމޫން ހައްޔަރުކުރުމަށް ނެރެފައިވާ އަމުރު ބާތިލް ކުރާ ކަމަށެވެ. އެހެންކަމުން ފާރިސް މައުމޫން ވަގުތުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ ގާޒީންގެ މަޖިލީހުގެ އިއްތިފާގުން ފުލުހުންގެ މައްޗަށާއި ކަމާބެހޭ އެންމެހައި މުއައްސަސާތަކުގެ މައްޗަށް އަމުރުކުރާ ކަމަށްވެސް އަމުރުގައިވެއެވެ.
އެ އަމުރުގައި ވަނީ ކްރިމިނަލް ކޯޓުގެ ފަސް ގާޒީން ސޮއިކޮށްފައެވެ. އެއީ ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި އާދަމް އާރިފް އާއި މުހްތާޒް ފަހްމީ އާއި އަލީ އާދަމްގެ އިތުރުން ދާދިފަހުން އެ ކޯޓަށް އައްޔަނުކުރި އަހްމަދު ހައިލަމް އާއި ހުސައިން ޝަހީދުއެވެ.