06 Feb 2018, 02:33
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރޭގައި ޕީޕީއެމުން މިއަދު ވަނީ ޖުޑިޝަރީއާއި ސުޕްރީމް ކޯޓަށް އުދާސްތައް ބޭރުކޮށްލާފައެވެ.
ވެރިކަން ކުރާ ޕީޕީއެމުން ފުލުފުލުގައި ބާއްވަމުން ގެންދާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން މިއަދު ހަވީރު ކުރިއަށްގެންދިޔަ ބައްދަލުވުމެއްގައި ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސެން މަނިކް ވިދާޅުވީ ދައުލަތުގެ އެއްބާރުން އަނެއްބާރަށް ފާރަވެރިވެ ހުރަސްއެޅުމަކީ ގާނޫނު އަސާސީން ތަންދޭ ކަމެއް ނޫން ކަމަށާއި، އެ ފުރުސަތު ވެރިކަން ހިންގާ ފަރާތުން ނުދޭނެ ކަމަށެވެ.
ނިހާން ވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް މެސެޖެއް ދެއްވައިފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ތާއިދުކުރައްވާ 40 މެންބަރުން ތިއްބެވިކަން ފާހަގަކުރައްވައި ނިހާން ވަނީ އެ ފަރާތްތަކަކީ އެއްވެސް ގޮތެއްގައި ވިއްސި ވިހާލިވެ ބަލިކަށިވެފައިވާ ބައެއް ކަމަށް ހީނުކުރުމަށް އެ ދެ ފަނޑިޔާރުންނަށް ދަންނަވައިފައެވެ.
"ރާއްޖޭގެ ސިފައިންނާއި ފުލުހުން އެބަތިބި. އަޅުގަނޑުމެންގެ އާންމު ރައްޔިތުންގެ ޖޯރު އެބަހުރި. އެއްގޮތަކަށް ވެސް ހީފުޅުނުކުރައްވާތި މަގުމައްޗަށް ހަލަބޮލިކުރުމަށް މީހުން ނެރުމުގެ އުސޫލުތަކާއި ޝަރުތުތަކަކީ އާންމުކޮށް އަޅުގަނޑުމެން ކުރާކަމަކަށް ނުވި ނަމަވެސް އަޅުގަނޑުމެންގެ މެންބަރުންތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ބައިވަރު އެބަތިބި،" ނިހާން ވިދާޅުވިއެވެ.
މާލޭގައި ޕީޕީއެމުން މުޒާހަރާ ނުކުރާ ސަބަބެއް ކަމަށް ނިހާން ވިދާޅުވީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ގިނަ ދަތިތަކެއް ދިމާވެ ތަރައްގީގެ މަސައްކަތްތަކަށް ހުރަސް އެޅޭތީ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒުކުރުމަށް ބޭރުގެ ފަރާތްތަކުގެ އެހީއަށް އެދިފައިވާ ކަމަށް ތުހުމަތުކުރައްވައި ނިހާން ވިދާޅުވީ އެކަމަކީ ރާއްޖޭގެ ތާރީހުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މިހާތަނަށް ކުރެއްވި އެންމެ ހަޑިހުތުރު ކަންތައް ކަމަށެވެ.
"އެއީ ބޭރުގެ ސަފާރާހާނާތަކަށް ގޮސް އާދޭސްކުރުމާއި އެމީހުންނާ ވާހަކަދައްކުމާއި އެމީހުންނާ މައްލަވަކޮށް ރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ ކަންތައް ހިންގަންވީ ގޮތުގެ ނިންމުން ނިންމަންވީ ގޮތާ ދަތިވެފަ ހުރި ކަންތައް އެމީހުންނަށް ކިޔައިދިނުމަކީ މި ދިވެހި ދައުލަތުގެ ކަރާމާތްތެރިކަން ކަނޑާލުމަށް ސުޕްރީމް ކޯޓުން ހިންގި އުދުވާނީ ހަމަލާއެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން،" ނިހާން ވިދާޅުވިއެވެ.
ނަމަވެސް އެ ވާހަކަތައް ޖުޑީޝަލް ސާވިސް ކޮމިޝަނުން ވަނީ ދޮގުކޮށް ހުކުމާ ގުޅޭގޮތުން ބޭރުގެ އެއްވެސް ފަރާތަކާ މަޝްވަރާކޮށް އެހީތެރިކަމަށް ނޭދޭ ކަމަށް ބުނެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ ޖުޑިޝަރީގެ ނަމުގައި ސަލާމަތީ ބާރުތަކުގެ ފަރާތްތަކަށް ގުޅައި މިސަރުކާރުގެ ނިމުން ގާތްވެއްޖެ ކަމަށް ބުނެ ސަރުކާރުން އަންގާ އެންގުންތަކަށް ތަބާނުވުމަށް ބުނަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި ބޭރުގެ ފަރާތްތަކުން ރާއްޖޭގެ ސިޔާސީ މަސްރަހަށް އަތްބާނަން މަސައްކަތްކުރަމުންދާ ކަމަށް ވެސް އަބްދުއްރަހީމް ވަނީ ތުހުމަތުކުރައްވައިފައެވެ.
"އަޅުގަނޑުމެން ގަބޫލެއް ނުކުރަމޭ ގައުމެއްގެ ދާހިލީ ކަންކަމުގެ ތެރެއަށް ބޭރުގެ ގައުމަކުން ވަދެވޭނެ ކަމަކަށް. އެއީ އަޅުގަނޑުމެން ގަބޫލުކުރާނެ ކަމެއް ނޫނޭ. އެހެން ނަމަވެސް އަޅުގަނޑު ދަންނަވާލަން ބޭނުން އަޅުގަނޑުމެންގެ މި ދައުލަތާ ވަރަށް ގާތް ބޮޑެތި ދައުލަތްތައް ވެސް އެބަތިބި އަދި މި އޭޝިއާގެ ވެސް އަޅުގަނޑުމެންނާ ގާތް ގައުމުތައް އެބަތިބި،" އަބްދުއްރަހީމް ވިދާޅުވިއެވެ.
މި ސަރުކާރާ ގާތް ގުޅުންތަކެއް އޮންނަ ގައުމުތަކުން ވެސް މި ސަރުކާރަށް ދިމާވާ ކަންކަމުގައި ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.