14:30


ސްރީލަންކާގެ އެކި ސަރަހައްދުތަކަށް ތޫފާން ލައިލާގެ އަސަރުކޮށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން މަގުތަކުގައި ފެންބޮޑުވި ހާދިސާއާ ގުޅިގެން އެތައް ލައްކަ ބަޔަކަށް އެކަމުގެ އަސަރުތައް މިހާރު ވެސް ފޯރަމުންއެބަދެ އެވެ.


ސްރީލަންކާ ސަރުކާރުން ބުނާގޮތުގައި މިދިޔަ ހަފްތާ އިން ފެށިގެން އެ ގައުމަށް ކޮށްފައިވާ ވިއްސާރައިގައި މިހާތަނަށް 24 މީހަކު މަރުވެފައިވާއިރު، މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން 14 އަވަށަކުން ހަ ލައްކައަށް ވުރެ ގިނަ މީހުން ވަނީ އެހެން ސަރަހައްދުތަކަށް ބަދަލުކޮށްފަ އެވެ. އެހެން ނަމަވެސް މަގުތަކުން މިހާރު ފެން ހިނދެމުން އަންނަ ކަމަށާއި އެހެން ސަރަހައްދުތަކަށް ބަދަލުކޮށްފައިވާ ބައެއް މީހުން އެނބުރި އެމީހުންގެ އަސްލު ވަޒަނަށް ރުޖޫއަވަމުން އަންނަ ކަމަށް ވެސް އެފަރާތުން ބުނެ އެވެ.


ތަމަޅަ ޓައިގަރުންގެ ވަކިތަކުން ސްރީލަންކާ ސަލާމަތްވިތާ އެއްއަހަރު ފުރުމުގެ ގޮތުން ބާއްވަން ހަމަޖެއްސި ރަސްމިއްޔާތުތައް ވެސް މި ވިއްސާރައިގެ ސަބަބުން ވަނީ ކެންސަލްކޮށްފަ އެވެ. މިއީ 2004 ވަނަ އަހަރުގެ ސުނާމީ އަށް ފަހު އެގައުމުގައި މިހާ ބޮޑަށް ފެންބޮޑުވެގެން ދިޔަ ފުރަތަމަ ފަހަރެވެ.


މައުލޫމާތު ލިބޭ ގޮތުގައި ތޫފާން ލައިލާގެ އަސަރު މިހާރު އަވަށްޓެރި ބަންގްލަދޭޝް އަށް ވެސް ކުރަމުން އެބަދެ އެވެ.