05 Feb 2018, 16:21
ސަރުކާރުގެ ދިފާއުގައި ގައުމަށް ޓަކައި ލޭ އޮހޮރުވާލަން ތައްޔާރަށް ހުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ގިނަ ދުވަސްތަކެއް ވަންދެން ޕީޕީއެމްގެ ހަރަކާތްތަކުން ނުފެނި ހުރުމަށް ފަހު މިއަދު ފަލާހު ވަނީ ޕީޕީއެމްގެ ހަރަކާތްތަކާ ގުޅި ވަޑައިގެންފަ އެވެ.
ޕީޕީއެމް ޕީޖީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު އާންމު ކުރި ޓުވިޓާ ވީޑިއޯއެއްގައި ވާހަކަފުޅު ދައްކަވަމުން ފަލާހު ވިދާޅުވި އޭނާއާ ބެހޭ ގޮތުން ދައްކަމުން ދަނީ ފޮގު ވާހަކަތަކެއް ކަމަށެވެ.
"އަޅުގަނޑު ދާނެތޯ ރައީސް ނަޝީދު ފަހަތަށް. ރައީސް މައުމޫނު ފަހަތަށް. ގާސިމް އިބްރާހިމް ފަހަތަށް. ދުވަހަކު ވެސް އަޅުގަނޑު ކުރާނެ ކަންތައްތަކެއް ނޫން މީކީ،" ފަލާހު ވިދާޅުވި އެވެ.
އެ ތިން ބޭފުޅުން އެމީހުންގެ އަމިއްލަ މަސްލަހަތަށް ޓަކައި ގައުމު ވީރާނާ ކޮށްލަމުންދާ ކަމަށް ފަލާހު ތުހުމަތު ކުރެއްވި އެވެ.
"އަޅުގަނޑުމެން މިއަދުން ފެށިގެން މި ތެދުވީ އިރާދަކުރެއްވިޔާ އަޅުގަނޑުމެން މި ބިމަށް މި ގައުމަށް ޓަކައި ލޭ އޮހޮރުވާލާނަން މި ސަރުކާރުގެ ދިފާއުގައި،" ފަލާހު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ސިޔާސީ މަޝްރަހު ވަނީ ވަރަށް ބޮޑަށް ހަލަބޮލިވެފަ އެވެ.