05 Feb 2018, 18:43
ދެ މީހުން ރުހުމުގައި ކުރާ ކައިވެނީގެ ތެރެއަށް ތިން ވަނަ ފަރާތަކަށް ނުވަދެވޭނެ ކަމަށް އިންޑިއާގެ ސުޕްރީމް ކޯޓުން ބުނެފިއެވެ.
އަމިއްލައަށް ގާނޫނުތައް ހަދައި ތަންފީޒު ކުރުމަށް އިންޑިއާގައި މަޝްހޫރު "ކަޕް ޕަންޗަޔާތު"އިން ގެންގުޅޭ އުސޫލަތަކުގެ މައްސަލައިގައި އިންޑިއާގެ ސުޕްރީމްކޯޓުން ބުނީ ދެ މީހަކު ރުހުމުގައި ކައިވެނިކޮށްފިނަމަ ތިން ވަނަ ފަރާތަތަކަށް އެ ދެމީހުންގެ ދެމެދަށް ނުވަދެވޭނެ ކަމަށެވެ.
" ދެމީހަކު ރުހުމުގައި ކައިވެނިކޮށްފިނަމަ އެ ދެ މީހުންގެ މައިންބަފައިންނަށް ވެސް އެދެމެދަށް ނުވަދެވޭނެ،" ސުޕްރީމް ކޯޓުގެ ފަނޑިޔާރު ދީޕަކް މިޝްރާ ވިދާޅުވިއެވެ.
ކަޕް ޕަންޗަޔާތު އަކީ އިންޑިއާގެ އަވަށްތަކުގައި، ހާއްސަކޮށް ހަރިޔާނާ އުއްތަރު ޕްރެދޭޝްގައި އިހުގެ ބޯދާ ވިސްނުންތައް ދެމެހެއްޓުމަށް މަސަައްކަތް ކުރާބައެކެވެ. އަމިއްލައަށް ގާނޫނުތައް ކަނޑައަޅާއި ތަންފީޒު ކުރުމުގައި މަޝްހޫރު އެ މީހުން އިންޑިއާގައި ތަފާތު "ކާސްޓް" ނުވަތަ ފަންތީގެ މީހުން ކައިވެނިކުރުމުން އެ މީހުން މަރައިހަދައެވެ.
އިންޑިއާގައި މަދުން ނަމަވެސް ރަށް ފުށުގައި ތަފާތު ފަންތީގެ މީހުން ދަނީ ކައިވެނިކުރަމުންނެވެ.
ސުޕްރީމްކޯޓުން ބުނީ މިފަދަ ކަންކަމުގައި ކަޕް ޕަންޗަޔާތަށް ގާނޫނީ ގޮތުންއެއްވެސް ހައިސިއްޔަތެއް ނެތް ކަމަށެެވެ. އަދި ދެ މީހުންގެ ކައިވެނި ރޫޅާލުމުގެ ބާރު ހަމައެކަނި ލިބިގެންވަނީ ކޯޓަށް އެކަނި ކަމަށެވެ.