05 Feb 2018, 15:23
އެހެން މުއައްސަސާތަކުގެ ބާރުތައް ނުގެއްލޭ ގޮތަށް އަމަލު ކުރުމަށް އެދި ރައީސް އަބްދުﷲ ޔާމީންގެ ސިޓީއެއް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުއަށް ފޮނުއްވައިފި އެވެ.
ރައީސް ޔާމީން އެ ސިޓީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ފޮނުއްވެވީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ހ) އަދި (ނ)ގެ ދަށުން ލިބިދޭ ބާރުގެ ދަށުން ކަމަށް ބުނެ އެވެ.
ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރުތައް - ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ
(ހ) ގާނޫނު އަސާސީ އާއި ގާނޫނުން ކަނޑައަޅަފައިވާ ކަންތައްތައް އިހުލާސްތެރިކަމާ އެކު ތަންފީޒުކޮށް ދައުލަތުގެ މުއައްސަސާތަކުންނާއި ރައްޔިތުން ގާނޫނު އަސާސީ އާއި ގާނޫނާ އެއްގޮތަށް އަމަލު ކުރުމަށް ބާރުއެޅުން
- ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ނ) - ގާނޫނުގެ ވެރިކަން ކުރިއަރުވައި އެންމެންގެ ހައްގުތަކާއި މިނިވަންކަން ރައްކާތެރިކޮށްދިނުން
ރައީސްގެ ސިޓީގައި ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުން ކަނޑައަޅުއްވާފައިވާ ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމުގެ ގާނޫނު ބޭނުން ކުރައްވައިގެން ދައުލަތުގެ މުއައްސަސާތަކުގެ ހިންގުމަށް ހުރަސް އަޅާނަމަ މުއައްސަސާތައް ހިންގުމަށް ދަތިވެ މުވައްޒަފުންގެ ހައްގުތަކަށް ބުރޫ އަރާނެ ކަމަށެވެ.
"އަދި މިކަންކަން މިހެން ހިނގަމުން ދާނަމަ ދިވެހި ދައުލަތުގެ ހިންގުމުގެ ބާރުތައް މަސްހުނިވެ. ގާނޫނު އަސާސީން ކަނޑައަޅާފައިވާ އިންތައް ގެއްލި ގާނޫނު އަސާސީގެ ބޭނުން އިސާހިތަކު ކެނޑިގެން ހިނގައިދާނެ،" ރައީސް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެ އެވެ.
އަދި ސުޕްރީމް ކޯޓާއި ކޯޓުގެ ފަނޑިޔާރުންނަށް ލިދީފައިވާ ބާރުތައް އެހެން މުއައްސަސާތަކުގެ މުވައްޒަފުންގެ ބާރުތައް ގެއްލޭ ގޮތަށް ބޭނުން ނުކުރުމަށް ރައީސް ވަނީ ސިޓީގައި އެދިވަޑައިގެންފަ އެވެ.