05 Feb 2018, 17:08
ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ހޮސްޕިޓަލްތަކާއި މަރުކަޒުތަކުގައި މަސައްކަތްކުރާނެ 162 ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދަން އިއުލާނުކޮށްފިއެވެ.
އެ މިނިސްޓްރީން މިއަދު ސަރުކާރުގެ ޖެޒެޓްގައި ކުރި އިއުލާނުގައި ބުނެފައިވަނީ 162 ސްޕެޝަލިސްޓް ޑޮކްޓަރުންގެ ތެރޭގައި ހެމެނެން ޖެހޭނީ ކޮންސަލްޓަންޓް އިން މެޑިސިން، އެނެސްތީސިއޮލޮޖީ، އޯތޯޕީޑިކްސް، އެނެސްތީސިއޮލޮޖީ، ސާޖަރީ، ޕީޑިއެޓްރިކްސް، ޑާމެޓޮލޮޖީ، އޮބްސްޓެޓިކްސް އެންޑް ގައިނަކޮލޮޖީ، ސައިކޭޓްރީ، އީ.އެން.ޓީ، ރޭޑިއޮލޮޖީ، ނެފްރޮލޮޖީ އަދި އޮފްތަލްމޮލޮޖިސްޓުންނެވެ.
އިއުލާނުގައި ބުނެފައިވާ ގޮތުން އެއީ ދާއިމީ މަގާމުތަކެކެވެ.
ހެލްތު މިނިސްޓްރީން ބުނީ މަގާމުގެ މުސާރައިގެ ގޮތުގައި 30،990 ރުފިޔާ ކަނޑައަޅާފައިވާ ކަމަށާއި ސާވިސް އެލަވަންސްގެ ގޮތުގައި 10،200 ރުފިޔާ ވަނީ ކަނޑައެޅިފައި ކަމަށެވެ. އޭގެ އިތުރުން އިތުރު އިނާޔަތްތަކެއް ލިބިގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މީގެ ކުރިން ސަރުކާރުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް 300 ޑޮކްޓަރުން ހޯދަން އިއުލާނު ކުރުމުން ކުރިމަތިލީ އެންމެ ދެ މީހުންނެވެ. އަދި 600 ނަރުހުން ހޯދަން ކުރި އިއުލާނަށް ކުރިމަތިލީ 15 މީހުނެވެ.