މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ބާސެލޯނާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވި ނޭމާ، އޭނާގެ ޓްރާންސްފާގައި ބާސާއަށް މަކަރު ހެދި ކަމަށް ކްލަބުގެ ޑިރެކްޓަރު އަދި ނައިބު ރައީސް ޖޯޑީ މެސްޓާ ވިދާޅުވެއްޖެއެވެ.

ބާސާ ދޫކޮށް ނޭމާ ޕީއެސްޖީއަށް ބަދަލުވެފައިވަނީ 186.34 މިލިއަން ޕައުންޑުގެ ޓްރާންސްފާއެއްގައެވެ.

ޖޯޑީ މެސްޓާ ވިދާޅުވީ، ނޭމާގެ ޓްރާންސްފާގައި އެންމެ ހިތްދަތިވީ ނޭމާ ބާސާއަށް އެއްވެސް އެއްޗެއް ނާންގައި ވަގަށް ޕީއެސްޖީއާ ބައްދަލުކޮށް މަޝްވަރާތަކުގައި އޮޅުވާލުމުން ކަމަށެވެ.

"އަހަރެމެން އޭރު ދިޔައީ ނޭމާގެ ބައްޕައާއި ނޭމާ އާއެކުވެސް ވާހަކަ ދައްކަމުން. އަހަންނާ ވާހަކަ ދެއްކިއިރު ޕީއެސްޖީއާވެސް ނޭމާ ދިޔައީ ވާހަކަ ދައްކަމުން. އެހެންވީމާ އަހަންނަށް ހުރީ ވާނުވާ ނޭނގިފައި،" ޖޯޑީ މެސްޓާ ވިދާޅުވިއެވެ.

ޖޯޑީ މެސްޓާ ވިދާޅުވީ، ބާސާއާއެކު ނޭމާ ބޭނުންވީ ކުޑަކުދިންގެ ކުޅިވަރެއް ކަމަށްވާ 'ބުޅަލާ މީދާ'ގެ ކުޅިވަރު ކުޅެން ކަމަށާއި ނޭމާގެ ކޮންޓްރެކްޓް ލޯޔަލްޓީ ބޯނަސް ނުދޭން ނިންމީ އެހެންވެ ކަމަށެވެ.

ބާސާއިން ނޭމާއަށް ދޭން އެއްބަސްވެފައިވާ ލޯޔަލްޓީ ބޯނަސް ނުދޭތީ ނޭމާގެ ފަރާތުން އޭނާގެ ބައްޕަވަނީ އެ މައްސަލަ ފީފާއަށްވެސް ހުށައަޅާފައެވެ.

ޖޯޑީ މެސްޓާ ވިދާޅުވީ، ބާސާއަށް ނާންގައި ޕީއެސްޖީއާއެކު ނޭމާ މަޝްވާރާ ކުރުމުން އޭނާގެ އަގު އަރައިގެން ދިޔަ ކަމަށާއި، ޓްރާންސް މަޝްވަރާތައް ކުރިއަށް ގެންދިއުމުގައި އެއީ ބަލައިގަނެވޭނެ އުސޫލެއް ނޫން ކަމަށެވެ.

"ޕީއެސްޖީން ނޭމާ ހޯދަން ބާސާއާ މަޝްވަރާ ކުރިނަމަ އަގުވެސް ހެޔޮވީސް. އަދި މީޑިއާއަށް އަރާ އަޑުތައްވެސް ކުޑަވާނެ. ނޭމާއާ ހެދި ޓްރާންސްފާ މާކެޓްގެ އަގުތައް އަރައިގެންދިޔައީ. އޭގެ ފަހުން އަގުތައް ދަށް ނުވޭ،" ޖޯޑީ މެސްޓާ ވިދާޅުވިއެވެ.

ޖޯޑީ މެސްޓާ އިތުރަށް ވިދާޅުވީ ސެސް ފެބްރިގާޒް، ޕެޑްރޯ ރޮޑްރިގޭޒްގެ އިތުރުން ހާވިޔާ މެޝެރާނޯ އަދި އެލެކްސިސް ސަންޗޭޒްވެސް ބާސާ ދޫކޮށްލުމަށް ރީތިކޮށް އެދުނު ކަމަށާއި، ޓްރާންސްފާ ހިނގަން ޖެހޭ އުސޫލަކީ އެއީ ކަމަށެވެ.

ޕީއެސްޖީއަށް ބަދަލުވެ ނޭމާ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ނަމަވެސް އޭނާގެ ޓްރާންސްފާގެ އަގުގެ އިތުރުން ނޭމާގެ މުސާރައާ ގުޅިގެން ގިނަ ބަޔަކުވަނީ ނޭމާއަށް ފާޑުކިޔާފައެވެ.