18 Aug 2011, 23:38
ނިމިގެން ދިޔަ އަށް ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމް ސީޝެލްސްއަށް ދިއުމުގެ ކުރިން މުބާރާތުގައި ދިވެހިން ބޭނުންވާ ވަރުގެ ނަތީޖާއެއް ނެރެވޭނެ ކަމަށް ޓީމްގެ ކުޅުންތެރިން ވަނީ ބުނެފަ އެވެ. އެހެންނަމަވެސް މުބާރާތުގައި ޓީމުން ނެރުނު ނަތީޖާއަކީ މިހާރުގެ ގައުމީ ޓީމުގެ ފެންވަރުތޯ ވަނީ ދިވެހި ސަޕޯޓަރުން ސުވާލު އުފައްދާފަ އެވެ.
އެއީ މީގެ ކުރިން ވަރުގަދަ ޓީމުތަކާ ދެކޮޅަށް ދިވެހި ޓީމު ދެއްކި ކުޅުމާއި ސީޝެލްސްގައި ދިވެހިން ދެއްކި ކުޅުމުގެ ފެންވަރު ފެނިފަ އެވެ. ނަމަވެސް އެ އެހެންމެޗް ތަކެކޭ އެއްގޮތަށް މި މުބާރާތުގައި ބައިވެރި ޓީމްގެ ކޮންމެ ކުޅުންތެރިއަކަށް ފައިސާގެ ގޮތުގައި 5000ރ. ވަނީ ދީފަ އެވެ.
އެފްއޭއެމްގެ ރައީސް އަލީ އާޒިމް މިރޭ ވިދާޅުވީ، އެމުބާރާތުގައި ދިޔަ ކޮންމެ ކުޅުންތެރިޔަކަށް، އެފްއޭއެމްގައި އެ އޮންނަ ޤަވާއިދެއްގެ މަތިން ޤައުމީ ޓީމް ކުޅޭ ކޮންމެ މުބާރާތަކަށް ފަހު، އެ މިންގަނޑުތަކަށް ބެލުމަލުމަށް ފަހު 5000ރ. ކޮންމެ ކުޅުން ތެރިއަކަށް ލިބޭނެ ކަމަށެވެ. އެގޮތަށް ބެލުމަށް ފަހު މުބާރާތުގައި ބައިވެރިވި 20 ކުޅުންތެރިންގެ ތެރެއިން ކޮންމެ ކުޅުންތެރިއަކަށް، އެ އުޖޫރާގެ މަތިން ކޮންމެ ކުޅުންތެރިއަކަށް އެ ފައިސާ އެފްއޭއެމް އިން ހަވާލު ކުރާނެ ކަމަށެވެ.
"މުބާރާތުގައި ދިޔަ ކޮންމެ ކުޅުންތެރިޔަކަށް 5000ރ. ލިބޭނެ. އެފްއޭއެމްގައި އެ އޮންނަ ޤަވާއިދެއްގެ މަތިން. އެއީ ޤައުމީ ޓީމް ކުޅޭ ކޮންމެ މުބާރާތަކަށް ފަހު ލިބޭ އުޖޫރައެއް. އެ ފައިސާތައް އެކުޅުންތެރިންނަށް ހަވާލު ކުރުމުގައި ދޭން ޖެހޭ ޤަވާއިދެއް މިންގަނޑުތަކެއް އޮވޭ. އެކަމަށް ބެލުމަށް ފަހު ހަވާލު ކުރެވޭނެ،" އަލީ އާޒިމް ވިދާޅުވި އެވެ.
އަށް ވަނަ އިންޑިއަން އޯޝަންސް އައިލެންޑްސް ގޭމަށް ބަލާލާއިރު މުބާރަތުގައި ޤައުމީ ފުޓްބޯޅަ ޓީމް، ހިމެނުނީ ސީޝެލްސް އާއި މޮރިޝަސް އާއި ކޮމޮރޯސްއާ އެކު ގްރޫޕް އެކެއްގަ އެވެ. ފުރަތަމަ މެޗުގައި މޮރިޝަސްއާ ކުޅެ 1-1 އިން އެއްވަރުވި އިރު ދެ ވަނަ މެޗުގައި ކޮމޮރޯސްއާ ކުޅެ 2-2 އިން އެއްވަރުވި އެވެ. އެހެންވެ ރާއްޖެ އަށް ޖެހިފައި އޮތީ ސެމީ ފައިނަލަށް ދިއުމަށް ގްރޫޕުގެ ފަހު މެޗުގައި ސީޝެލްސް އަތުން މޮޅުވާށެވެ. އެކަމަކު އެ މެޗުގައި 5-1 އިން ބަލިވެ ރާއްޖެ ގްރޫޕް ސްޓޭޖުން ކެޓީ ދެ ޕޮއިންޓާ އެކު ގްރޫޕުގެ ފުލުގައި އޮވެގެންނެވެ. މިއީ ފަހަކަށް އައިސް ދިވެހި ފުޓްބޯޅަ އަށް ލިބިގެންދިޔަ އެންމެ ނާކާމިޔާބު މުބާރާތޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.
މުބާރަތުގައި ރާއްޖެ މޮރިޝަސްއާ އެކު ކުޅުނު މެޗު 1-1 އިން އެއްވަރުވެފައި ވަނިކޮށް، ކޮމޯރޯސްއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗް ވެސް 2-2 ލަނޑުން އެއްވަރުވިއރު، ކޮމޯރޯސް އާދެކޮލަސް ރާއްޖެ ކުޅުނު މެޗަކީ މޮރިޝަސްގައި 1985 ވަނަ އަހަރު ބޭއްވި އިންޑިއަން އައިލެންޑް ގޭމްސްގައި މި ދެ ޓީމު ބައްދަލުކޮށްގެން ނުކުތް ނަތީޖާ އެވެ. ރާއްޖެ އާއި ކޮމޯރޯސް އެންމެ ފުރަތަމަ ބައްދަލުކުރީ 1979 ވަނަ އަހަރު ސީޝެލްސްގައި ބޭއްވި މުބާރާތުގަ އެވެ. އެ ފަހަރު ކުޅުނު މެޗުން 2-1 އިން ރާއްޖެ ބަލިވި ނަމަވެސް އަބުދުﷲ ރަޝީދު )ޖޫލޭ( ކޮމޯރޯސް ކޮޅަށް ޖެހި ލަނޑަކީ ދިވެހި ގައުމީ ޓީމުގެ ފުރަތަމަ ލަނޑެވެ.
ނަމަވެސް ނިމިދި ގޭމްސްގައި ޤައުމީ ފުޓްބޯޅަ ޓީމް ނެރުނު ނަތީޖާތަކާ ބެހޭ ގޮތުން އެފްއޭމްގެ ރައީސް އަލީ އާޒިމް ވިދާޅުވެފައި ވަނީ ޓީމުން މިފަހަރު ނެރުނު ނަތީޖާ އާ ދޭތެރޭ ހިތްހަމަޖެހޭ ކަމަށެވެ.
ދިވެހި ޤައުމީ ޓީމް ނެރުނު ނަތީޖާއާ ދޭތެރޭ މަސްއޫލުވެރިން ހިތްހަމަޖެހޭ ކަމަށް ވިދާޅުވާ އިރު، ޓީމްގައި މައްސަލައެއް އުޅޭނަމަ އެކަން ބަލާނެ ކަމަށް ކުޅިވާރާ ބެހޭ ވަޒީރު ހަސަން ލަތީފް ވަނީ ވިދާޅުވެފަ އެވެ.
އިންޑިއަން އޯޝަންސް އައިލެންޑްސް ގޭމްސްގައި ފުޓްބޯޅަ ޓީމުން ނެރުނު ނަތީޖާގެ އިތުރުން މުބާރާތުގައި ބައިވެރިވި އެހެން ކުޅިވަރުތަކުން ވެސް އެދެވޭ ކާމިޔާބެއް ނުލިބުނު މައްސަލަތައް ބަލާނެ ކަމަށް އެ ކުޅިވަރުތަކާ ބެހޭ އެސޯސިއޭޝަންތަކުން ވަނީ ބުނެފަ އެވެ.
މި އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭން ވާދަކުރި އެންމެ "ކުޑަ" ކުޅިވަރަކީ ޓޭބަލް ޓެނިސް ނަމަވެސް މި ފަހަރު ރާއްޖޭން އެންމެ ބޮޑު ކާމިޔާބެއް ހޯދާފައިވަނީ ޓީޓީން އެވެ.
މިއީ ދިވެހި ޓީޓީމަށް އެންމެ ގިނަ މެޑަލް ލިބުނު ފަހަރުކަން ވެސް ފާހަގަކޮށްލެވެ އެވެ.
ޓީޓީގެ އަންހެން ސިންގަލްސް އިވެންޓުން މުއީނާ މުހައްމަދު ރިހި މެޑަލެއް އަދި ފާތިމަތު ޖުމާނާ ނިމާލް ލޯ މެޑަލެއް ވަނީ ހޯދާފަ އެވެ. އަދި އެހެން ކުޅިވަރުތަކަށް ބަލާއިރު، ބެޑްމިންޓަނުން ތިން ލޯ މެޑަލް ވަނީ ހޯދާފަ އެވެ. އަދި ވޮލީބޯޅަ އިން ހަތަރު ވަނަ ހޯދިއިރު އެތުލެޓިކްސް، ބާސްކެޓްބޯޅަ ދިޔައީ މި ގޭމްސްގައި ފުލުންނެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އެންމެ ފުރަތަމަ ބޭއްވީ 1979 ވަނަ އަހަރު ރީޔޫނިއަންގަ އެވެ.