ރޭ ފަތިހުގެ ވަގުތެއްގައި މާލޭގެ ފިހާރައެއް ފަޅާލައި ވައްކަން ކޮށްފި އެވެ.

އަސްރަފީމަގު ސަރަހައްދުގައި ހުންނަ 'މޮބިހޯމް' ނަމަކަށް ކިޔާ ފިހާރަ ފަޅާލާފައި ވަނީ ބޭރު ބިއްލޫގަނޑު ތަޅާލައިގެންނެވެ.

އެ ފިހާރައިގެ އިސް މީހަކު ސަން އަށް ބުނީ ރޭ ފަތިހު ފިހާރައިގެ ބިއްލޫގަނޑު ތަޅާލައިގެން ފިހާރަ އަށް ވަދެ މޯބައިލް ފޯނުތަކެއް ވަގަށް ގެންގޮސްފައިވާ ކަމަށެވެ.

"ދެ ތިން ފޯނު ގެންދިޔައީ. ފަޅާލި ބަޔަކު ހުރި އެހެން ފޯނުތައް ގެންދަން މަސައްކަތްކޮށްފައި. އެކަމަކު އެކަން ނާކާމިޔާބުވެފައި ހުރީ. ފިހާރައިގެ ފައިސާއެއް ނުހުންނާނެ. ދެ ތިން ފޯނު ގެންދިޔައީ،" އޭނާ ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަން އަށް ވިދާޅުވީ ފިހާރަ ފަޅާލައިވާ މައްސަލަ ރޭ ފަތިހު ހުށައަޅާފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ލޮނުޒިޔާރަތް މަގުގައި ހުންނަ 'އައިފިކްސް 2' ފިހާރަ ފަޅާލައި ފިހާރަ އިން ވަނީ މީގެ ފަސް ވަރަކަށް ދުވަސް ކުރިން ވައްކަންކޮށްފަ އެވެ.