18 Aug 2011, 23:26
މުއްދަތު ހަމަވި އިރު ތްރީއޭގެ ތިން ރިސޯޓަކުން ދައްކަން ޖެހި ނުދައްކައި އޮތް 6.5 މިލިއަން ޑޮލަރުގެ ތެރެއިން 1.4 މިލިއަން ޑޮލަރު، ދައުލަތުގެ އާމްދަނީ ޖަމާ ކުރާ މީރާ އަށް ދައްކައިފި އެވެ.
މީރާގެ އޮފިޝަލަކު މިރޭ ވިދާޅުވީ ތްރީއޭގެ ނ. ކުޑަފުނަފަރު ރިސޯޓާއި ފ. ފިލިތެޔޮ އައިލެންޑް ރިސޯޓާއި އަދި މ. މެދަފުށި ރިސޯޓުން 1.4 މިލިއަން ޑޮލަރު ދެއްކީ މީގެ ހަފުތާއެއްހާ ދުވަސް ކުރިން ކަމަށާއި އަދި ވެސް އެ ތިން ރިސޯޓުން ދައްކަން ޖެހޭ 5.1 މިލިން ޑޮލަރު ވާ ކަމަށެވެ.
ހަތް ރިސޯޓަކުން ދައުލަތަށް ދައްކަން ޖެހޭ 12.4 މިލިން ޑޮލަރު ނުދައްކައި އޮވެގެން ޓޫރިޒަމް މިނިސްޓްރީ އިން ވަނީ އެ ތަންތަން ވިއްކައިގެން ވެސް ސަރުކާރަށް ދައްކަން ޖެހޭ ފައިސާ ހޯދުމަށް ފައިނޭންސް މިނިސްޓްރީ އަށް އަންގާފަ އެވެ.
ޓޫރިޒަމް މިނިސްޓަރު މަރިޔަމް ޒުލްފާ މިއަދު ސަން އަށް ވިދާޅުވީ ބައެއް ރިސޯޓްތަކުން ދައުލަތަށް ދައްކަން ޖެހި ނުދައްކައި ހުރި ފައިސާ ހޯދުމަށް، އަދި ކެބިނެޓްގެ ނިންމުން ތަންފީޒު ކުރުމަށް ފައިނޭންސް މިނިސްޓްރީ އަށް އެންގެވީ، 90 ދުވަހުގެ ތެރޭގައި 25 ޕަސެންޓް ދައްކަން އަންގަވައި އެ ގޮތަށް ފައިސާ ނުދެއްކި ފަރާތްތަކުގެ ރިސޯޓްތައް ކަމަށެވެ.
ޒުލްފާ ވިދާޅުވީ ސަރުކާރުން ދިން ފުރުސަތަކީ 90 ދުވަހުގެ ތެރޭގައި ޑިއުވާ ފައިސާގެ 25 ޕަސެންޓް ދައްކާ ފަރާތްތަކަށް ބާކީވާ ފައިސާ ޝެޑިއުލެއްގެ ތެރޭގައި ދެއްކުމުގެ ފުރުސަތު ކަމަށެވެ.
ކެބިނެޓުން ނިންމީ، ޒުލްފާ ވިދާޅުވި ގޮތުގައި، މުއްދަތު ހަމަވި އިރު ފައިސާ ނުދައްކާ ތަންތަން ވިއްކައިގެން ވިއަސް ފައިސާ ހޯދުމުގެ އަމުރެއް ކަމަށެވެ.