05 Feb 2018, 11:37
ދިއްލީ (ފެބްރުއަރީ 5): އިންޑިއާގެ 22 މީހަކާ އެކު ދަތުރު ކުރަމުން ދިޔަ ތެޔޮ ޓޭންކަރެއް ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ބެނިން ކައިރިން ގެއްލިއްޖެ އެވެ.
މެރިން އެކްސްޕްރެސް ނަމަކަށް ކިޔާ އެބޯޓު ގެއްލިފައި ވަނީ 13،500 ޓަނުގެ ތެލާ އެކު ދަތުރު ކުރަމުން ދަނިކޮށް ކަމަށާއި އެބޯޓު ހޯދުމުގެ މަސައްކަތް ބެނިންގެ ކަނޑުގެ ސިފައިން ކުރަމުން އަންނަ ކަމަށް އިންޓަނޭޝަނަލް މެރިޓައިމް ބިއުރޯއިން ބުންޏެވެ.
އެބޯޓުގެ ވެރި ފަރާތް ކަމަށްވާ މުމްބާއީގައި ހުންނަ އޭންގްލޯ އީސްޓާން ޝިޕް މެނޭޖްމެންޓުން ބުނި ގޮތުގައި އެބޯޓާ ގުޅުން ކެނޑިފައި ވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުގަ އެވެ. އަދި ބައެއް ފަރާތްތަކުން ވަނީ ކަނޑު ފޭރޭ މީހުން އެބޯޓު ހިފަހައްޓާފައިވާ ކަމަށް ލަފާކޮށްފަ އެވެ.
އެއީ ފާއިތުވި މަސް ތެރޭގައި އެސަރަހައްދުން ބޯޓެއް ގެއްލުނު ދެވަނަ ފަހަރެވެ. އެގޮތުން މީގެ ކުރިން ބެނިން ކައިރިން ދިޔަ ބޯޓެއް ކަނޑު ފޭރޭ ބަޔަކު ވަނީ ހިފަހައްޓާފައި އެވެ. އަދި އިންޑިއާގެ ގިނަ އަދަދެއްގެ ފަޅުވެރިން ތިބި އެބޯޓު ދޫކޮށްލާފައި ވަނީ އެމީހުންނަށް ފައިސާ ދިނުމުންނެވެ. (ހިންދުސްތާންޓައިމްސް)