ތެހެރާން (ފެބްރުއަރީ 5) : އެމެރިކާ ރުހުނަސް އަދި ނުރުހުނަސް އީރާނަށް ބޭނުންވާ ހުރިހާ ބާވަތެއްގެ ހަތިޔާރު އީރާނުން އުފައްދާނެ ކަމަށް އެގައުމުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.

ތެހެރާންގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރޫހާނީ ވިދާޅުވީ އެމެރިކާއަށް ބޭނުންވާ ހަތިޔާރު އެމެރިކާވެސް އުފައްދާއިރު އީރާނަށް ބޭނުންވާ ހަތިޔާރު އީރާނުން ވެސް އުފައްދާނެ ކަމުގަ އެވެ. މިގޮތުން ބަލިސްޓިކް މިސައިލަކީ އީރާނުގެ ދިފާއަށް ބޭނުންވާ ހަތިޔާރެއް ކަމަށްވާތީ ބަލިސްޓިކް މިސައިލް އުފެއްދުމުގައި އީރާން ކުރިޔަށްދާކަމަށާ އަދި މުސްތަގްބަލްގައި ވެސް ކުރިޔަށްދާނެ ކަމަށް ރޫހާނީ ވިދާޅުވި އެވެ.

އީރާނަށް ބޭނުންވާ ހަތިޔާރު އުފައްދާތީ އެކަން ހުއްޓުވުމަށް އެމެރިކާ ކޮންމެ ފިޔަވަޅެއް އެޅިނަމަވެސް އެފިޔަވަޅަކާ އީރާން ކުރިމަތިލާނެ ކަމަށާ ހަތިޔާރު އުފެއްދުމަށް އެމެރިކާގެ ރުހުން ހޯދަންނުޖެހޭ ކަމަށް ރޫހާނީ ވިދާޅުވި އެވެ. އީރާނުން މިހާރު ވެސް ބަލިސްޓިކް މިސައިލް ޕްރޮގްރާމް ކުރިޔަށްގެންދަނީ އެމެރިކާ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވަނިކޮށް އެއަށް ގޮންޖަހާފައިކަން ރޫހާނީ ފާހަގަކުރެއްވި އެވެ.

އީރާނަކީ ބަލިސްޓިކް މިސައިލް ޓެކްނޮލޮޖީގެ ސިނާއަތުގައި ދުނިޔޭގައި އެންމެ ކުރީ ސަފުގައި އުޅޭ ހަތް ގައުމުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އީރާނުގެ ބަލިސްޓިކް މިސައިލް ޕްރޮގްރާމް ހުއްޓުވުމުގެ ގޮތުން މީގެ ފަނަރަ ވަރަކަށް އަހަރުކުރިން ފެށިގެން އެމެރިކާ ވަނީ އީރާނާދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފަ އެވެ. ނަމަވެސް މިފިޔަވަޅުތައް އަޅާފައިއޮއްވައި އީރާނުން ވަނީ ނިއުކްލިޔާ ވޯހެޑް ހަރުކުރުމުގެ ގާބިލްކަން ލިބިފައިވާ ތިން ހާސް ކިލޯ މީޓަރުގެ ރާސްތާގެ މިސައިލް ވެސް އުފައްދައި ކާމިޔާބުކަމާ އެކު އެމިސައިލް ތަޖްރިބާކޮށްފަ އެވެ.

އަދި އެއަށް ވުރެ ކުރުރާސްތާގެ އެތަށް ބާވަތެއްގެ މިސައިލެއް ވެސް އީރާނުން އުފައްދަމުން ގެންދެ އެވެ. އީރާނުން ނިއުކްލިޔާ ހަތިޔާރު ނުއުފައްދަނީ އެއީ އަމަލީ ގޮތުން ބޭނުންކުރެވޭނެ ހަތިޔާރަކަށް ނުވެފައި އަދި އެއީ އީރާނުގެ ދިފާއަށް ބޭނުންވާ އެހަތިޔާރަކަށް ނުވާތީ ކަމަށް ވެސް ރޫހާނީ ވިދާޅުވި އެވެ.

ނަމަވެސް މަދަނީ ބޭނުންތަކަށާއި ރީޗާސް ބޭނުމަށް ނިއުކްލިޔާ ޓެކްނޮލޮޖީ ތަރައްގީ ކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން ގެންދާކަމަށާއި ބޮޑެތި ބާރުތަކާ އެކު އީރާނުން ސޮއިކޮށްފައިވާ ނިއުކްލިޔާ އެއްބަސްވުމުގެ ސަބަބުން މަދަނީ ނިއުކްލިޔާ ޓެކްނޮލޮޖީ ތަރައްގީ ކުރަން ހުރަސް ނޭޅޭ ކަމަށް ރޫހާނީ ވިދާޅުވި އެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ ކޮމާންޑަރުގެ ނައިބު ޖެނެރަލް ހުސައިން ސަލާމީ ވަނީ އީރާނުގެ ބަލިސްޓިކް މިސައިލްގެ ރޭންޖް ނުވަތަ ރާސްތާ ދިގުކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރާނެކަމުގެ އިންޒާރު އެމެރިކާއަށް ދެއްވާފަ އެވެ. ތިން ހާސް ކިލޯ މީޓަރަށް ވުރެ އީރާނުގެ މިސައިލްތަކުގެ ރޭންޖް ދިގުނުކުރަނީ އެކަމަށް މިވަގުތު އީރާން ބޭނުން ނުވާތީ ކަމަށް ޖެނެރަލް ސަލާމީ ވިދާޅުވި އެވެ.

އެމެރިކާ ގެންދަނީ އީރާނުގެ ބަލިސްޓިކް މިސައިލް ޕްރޮގްރާމަކީ އިސްރާއީލަށް ހުރި ނުރައްކަލެއް ކަމަށްވާތީ އެޕްރޮގްރާމް ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިމަސައްކަތް އެމެރިކާ ކުރާތާ 15 ވަރަކަށް އަހަރުވީ އިރު ވެސް އެމެރިކާއަށް އީރާނުގެ މިސައިލް ޕްރޮގްރާމް ހުއްޓުވިފައެއް ނުވެ އެވެ. އީރާނަށް ބޭނުންވާ ހަތިޔާރު އުފެއްދުމުގެ ގާބިލްކަން އީރާނަށް ލިބިފައިވާތީ އެމެރިކާ ކަންބޮޑުވެ އެވެ. އެމެރިކާގެ ސިނާއަތުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަކީ ހަތިޔާރު ކަމަށްވާއިރު އެމެރިކާގެ ހަތިޔާރަށް ބަރޯސާނުވެ އަމިއްލަ ޓެކްނޮލޮޖީގައި ހަތިޔާރު އުފެއްދުމަކީ އެމެރިކާ ރުހޭ ކަމެއްނޫނެވެ. އެއީ ހަތިޔާރު ވިއްކައިގެން އެމެރިކާއަށް ލިބޭ އާމްދަނީ ކުޑަވެގެންދާތީ އެވެ.

ހަތިޔާރު އުފައްދާ ގައުމުތަކުގެ ބޮލުގައި އެކިއެކި ތުހުމަތުތައް އަޅުވައި އެގައުމަކާ ޖައްސާލައި ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަކީ އެމެރިކާގެ ސިޔާސަތެކެވެ. ނަމަވެސް އެމެރިކާ މިހާރު ވެސް ވަނީ އެގައުމުގެ ނިއުކްލިޔާ ހަތިޔާރުގެ ފުނިވަރުތައް އަލުން އައުކޮށް އައު ބާވަތުގެ ނިއުކްލިޔާ ހަތިޔާރުތައް އުފެއްދުމަށް ނިންމައި އެކަން އިޢްލާންކޮށްފަ އެވެ. ނަމަވެސް އެހެން ގައުމަކުން ނިއުކްލިޔާ ހަތިޔާރު އުފެއްދުމަކީ ޖަރީމާއެއް ކަމަށް އެމެރިކާ ގެންދަނީ ސިފަކޮށް އެކަމާދެކޮޅަށް ފިޔަވަޅު އަޅަމުންނެވެ. (ނޫސްއެޖެންސީތައް)