ސްޕެނިޝް ލަލީގާގެ ދެވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑުން ރޭ ކުޅުނު މެޗު ކާމިޔާބުކުރިއިރު، އެއްވަނައިގައި އޮތް ބާސެލޯނާ ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

އެތުލެޓިކޯ މެޑްރިޑުން، ތާވަލުގެ ތިންވަނައިގައި އޮތް ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

އެތުލެޓިކޯގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 20 މިނެޓުގައި ދެޓީމުގެ ފަރާތުންވެސް ފެނުނީ ދަށް ކުޅުމެކެވެ. މެދުތެރެއިން ގިނަ ޕާސްތަކެއް ފެނިގެންދިޔަ ނަމަވެސް ދެޓީމުންވެސް ގޯލައަށް އަމާޒުކޮށް ހަމަލާއެއް އުފައްދާފައެއް ނުވެއެވެ.

ހާފް ނިމެންދަނިކޮށް އެތުލެޓިކޯއިން ދެ ހަމަލާއެއް އުފެއްދި ނަމަވެސް ހުރަހަކަށްވީ ވެލެންސިއާގެ ކީޕަރު ނެޓޯއެވެ. މެޗުގެ ދެވަނަ ހާފްގައި ރަނގަޅު ކުޅުމެއް ފެނިގެންދިޔައީ އެތުލެޓިކޯގެ ފަރާތުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 59 ވަނަ މިނެޓުގައި އެޓީމުންވަނީ ލީޑު ނަގައިފައެވެ. މެޗުގެ ހަމައެކަނި ގޯލް އެތުލެޓިކޯއަށް ކާމިޔާބުކޮށްދިނީ އެންހާލް ކަރޭއާއެވެ.

އެތުލެޓިކޯއަށް ރޭގެ މެޗުގައި ގޯލް ޖަހައިދިން އެންހާލް ކަރޭއާ --- ފޮޓޯ/ އޭޕީ

ލަލީގާ ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއިން ރަށުން ބޭރުގައި އެސްޕަންޔޯލްއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. ބާސާއިން މެޗަށް ނުކުތީ އެޓީމުގެ ތަރި ލިއޮނަލްސް މެސީ ފުރަތަމަ 11 ގައި ނުހިމަނައެވެ.

މެޗުގައި ބާސާއިން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، އެސްޕަންޔޯލްގެ ގޯލް ފޫއަޅުވާލެވޭގޮތެއް ނުވިއެވެ. މެޗުގެ ފުރަތަމަ ހާފް 0-0 ގެ ނަތީޖާއަކުން ނިމިފައިވާއިރު، ދެވަނަ ހާފްގައި މެސީވަނީ ކުޅެން ނުކުމެފައެވެ. ނަމަވެސް މެޗުގައި ފުރަތަމަ ލީޑު ނެގީ އެސްޕަންޔޯލްއެވެ. 66 ވަނަ މިނެޓުގައި އެޓީމަށް ލީޑު ނަގައިދިނީ ޖެރާޑު މޮރޭނޯއެވެ.

ރޭގެ މެޗުގައި ބާސާގެ ތަރި މެސީ ބޯޅައާއެކު ކުރިއަށްދަނީ --- ފޮޓޯ/ އޭޕީ

މެޗުގައި ބާސާއިން ނަތީޖާ ހަމަހަމަ ކުރީ 82 ވަނަ މިނެޓުގައެވެ. މެސީގެ ބޯޅައަކުން ބާސާއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޖެރާޑް ޕީކޭއެވެ.

ރޭގެ މެޗުން އެތުލެޓިކޯ މޮޅުވެފައިވާއިރު ލީގު ތާވަލުގެ ދެވަނައިގައި އެޓީމު އޮތީ 22 މެޗުން 49 ޕޮއިންޓާއެކުގައެވެ. ބާސާ މި ސީޒަންގައި ބަލިނުވެ 22 މެޗު ހަމަކޮށް ރެކޯޑު ހަދަފައިވާއިރު، އެޓީމުވަނީ 22 މެޗުން 58 ޕޮއިންޓް ހޯދައިފައެވެ.

ލީގު ތާވަލުގެ އެއްވަނައިގައި ބާސާ އޮތީ ނުވަ ޕޮއިންޓްގެ ލީޑެއްގައެވެ.