މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ ޕެކެޓް ތަކަކާއެކު އައްޑޫ ދެ މީހަކު ފުވައްމުލަކުން ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ އިއްޔެ ހިނގި އޮޕަރޭޝަނެއްގައި ބުލެޓް ސައިޒްގެ ފަސް ޕެކެޓާ އެކު ފުވައްމުލަކުން ހައްޔަރު ކުރީ ސ. މީދޫ ސޮނީ، މުހައްމަދު ހާފިޒް އަހުމަދު 20، އާއި ހަމަ އެ އަތޮޅު ހިތަދޫ މެހެފިލް، ޢަލީ އިހްސާން 30، ކަމަށެވެ.

އެ ދެ މީހުން ފުލުހުން ހައްޔަރު ކޮށްފައި ވަނީ މަސްތުވާތަކެތި ގެންގުޅޭ ކަމަށް ތުހުމަތު ކުރެވިގެން އެ މީހުން ސައިކަލެއްގައި ދުއްވާފައިދަނިކޮށެވެ. އަދި ފުލުހުން އެމީހުންނަށް ފާރަލާކަން އެނގުމުން މާރާމާރީގެ ކުށުގެ ރެކޯޑް އޮންނަ ހާފިޒު ވަނީ ސައިކަލުން ފުއްމާލައިގެން ފިލަން މަސައްކަތްކޮށްފަ އެވެ. އަދި އެ ސަރަހައްދުގައި ހުރި ގެއެއްގެ ފުރާޅުމައްޗަށް ހާފިޒު އެއްލާލި ކެލްސިއަމް ދަޅެއްގެ ތެރެއިން ބުލެޓް ސައިޒްގެ މަސްތުވާތަކެތީގެ ފަސްޕެކެޓް ވަނީ ފެނިފަ އެވެ.
ސައިކަލު ދުއްވަން އިން އިހްސާނަކީ ފޭރުމުގެ މައްސަލައެއްގެ ކުށުގެ ރެކޯޑް އޮތް މީހެކެވެ.

އެ އެއްޗެހީގެ މަގުމަތީ އަގު 100،000ރ. އަށް އަރާ ކަމަށް ފުލުހުން ބުނެ އެވެ.

ވޭތުވެދިޔަ ދެ މަސްދުވަހުގެ ތެރޭ މަސްތުވާތަކެތީގެ މައްސަލަތަކުގެ ނުވަ މީހަކު ފުލުހުން ވަނީ ފުވައްމުލަކުން ހައްޔަރުކޮށްފަ އެވެ. އަދި އެތަކެތީގެ މަގުމަތީ އަގު 340،000ރ. އަށް އަރަ އެވެ.