ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމު މަގާމުން އަޒުލު ކުރުމަށް އެއްވެސް ފަރާތެއްގެ ނިޔަތެއް އޮތްނަމަ އެއީ ދައުލަތުގެ މައްޗަށް ހަނގުރާމަ އިއުލާން ކުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް ރުމާލު2 ޖަގަހާގައި ވާހަކަފުޅުދައްކަވަމުން ނިހާން ވިދާޅުވީ، ރާއްޖޭގައި މިހާރު ހިނގަމުން މިދަނީ ރައީސް ޔާމީން، އެންމެ ފުރަތަމަ ދުވަހު ވެސް ވިސްނުންފުޅު ގެންގުޅުއްވި ގޮތަށް، އިސްލާމްދީނަށް ބަރޯސާ ކޮށްގެން ގައުމު ހިންގާތީވެ ދުރުގައި ކުޅި ބަލަން ބަޔަކަށް ނުކެރިގެން ހިންގާ ޖަރީމާގެ ކަންތައްތަކެއް ކަމަށެވެ.

އަދި އެކަން ނިހާން ސިފަކުރެއްވީ ބޭރުގެ ބަޔަކު ރާއްޖެއަށް ވެރިވެގަންނަން ކައްކަމުންދާ "ބޯކިބާ" އަކާއި "ކޮކްޓެއިލް" އެއްގެ ގޮތުގައެވެ.

"އަޅުގަނޑުމެން ބަލައިގެންފައިވާ އިސްލާމީ އަސްލުތަކާއި އުސޫލުތަކާއި އެއްގޮތަށް މިގައުމު ހިނގަހިނގާ ހުއްޓައި ރައީސް ޔާމީން ވެރިކަމުން ދުރުކުރުމަށް އަޒުލު ކުރުމުގެ އެއްވެސް ނިޔަތެއް ދައުލަތުގެ އެއްވެސް ބާރެއްގެ ތެެރެއިން ވެސް އެ ބާރުގެ ބޭރުން ވެސް ބޭނުންކޮށްފި ކަމަށްވާނަމަ އެއީ ދިވެހި ދައުލަތުގެ މައްޗަށް ހަނގުރާމަ އިއުލާންކުރީ،" ނިހާން ވިދާޅުވި އެވެ.

ނިހާން އެފަދަ ވާހަކަފުޅެއް ދެއްކެވިއިރު ރައީސް ޔާމީން، އެމަނިކުފާނުގެ މަގާމުން އަޒުލު ކުރުމަށް ސުޕްރީމް ކޯޓުން މިއަދުގެ ވަގުތެއްގައި އަމުރެއް ނެރޭ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ.

އަދި އެކަމަށް ރައްދުދެއްވައި ދައުލަތުގެ ބަންޑާރަ ނައިބް މުހައްމަދު އަނިލް ވަނީ، އެފަދަ އަމުރަކަށް ތަބާ ނުވުމަށް ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް ގޮވާލައްވައިފައެވެ.

ދައުލަތުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާނޫނު އަސާސީއާ ހަވާލާދީ އަނިލް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކި ކުރުމުގެ ބާރު އޮތީ ރައްޔިތުންގެ މަޖިލީހަށް ކަމަށެވެ. އަދި ސުޕްރީމް ކޯޓުން ރައީސުލްޖުމްހޫރިއްޔާ ވަކި ކުރުމަށް ކުރާ އެއްވެސް އަމުރަކީ ހުކުމަކީ ގާނޫނު އަސާސީގެ ތެރޭން ކުރެވޭ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

މިރޭގެ ޖަލްސާގައި އިތުރަށް ވާހަކަފުޅުދައްކަވަމުން ނިހާން ވިދާޅުވީ، ރާއްޖެއަށް ބޭރުގެ ބަޔަކަށް ވެރިވެނުގަނެވޭނެކަން ދިވެހި ކާބަފައިން ސިފައިންނަށް ދައްކައިދިން ފަދައިން ދިވެހި ސިފައިން، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ނަގައި ހިމާޔަތްކުރާނޭ ކަމަށެވެ. އަދި ސަލާމަތީ ބާރުތަކުން ގައުމަށް ގައްދާރެއް ނުވާނެ ކަމަށެވެ.

އަދި ރައްޔިތުން ވެސް އެކަމެއް ބަލައެއް ނުގަންނާނެ ކަމަށާއި ސިފައިންގެ ކުރިއަށް ދިވެހި ރައްޔިތުން ނުކުމެ މޭ އައްޑަނަ އަކަށް ދިއްކުރަން ކެރޭނެ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

"ރާއްޖޭގައި މިއަދު މިއޮތް ގާނޫނީ ވެރިކަން ބަގާވާތަކުން ވައްޓާލިއަދޭނެ އެއްވެސް ގޮތެއް ނޯންނާނެ. އަޅުގަނޑުމެން ބިމާ ހަމަކޮށް، ޗިސްކޮށް މެޔާ ހަމަކޮށްފަ މެނުވީ ލާހިކެއްނޫން އަޅުގަނޑުމެން އެ ފުރުސަތު އެއްވެސް ބަޔަކަށް ދޭކަށް،" ނިހާން ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ނިހާން ވަނީ ރައްޔިތުން މަޖިލީހުގެ ތެރެއިން ޕީޕީއެމްއަށް ގެއްލިފައިވާ މެޖޯރިޓީ އަނބުރާ ގެންނަން އެނގޭނެ ކަމަށް ދޭހަވާ މޭރުމަކުން ވެސް ވާހަކަފުޅެއް ދައްކަވައިފައެވެ. އެގޮތުން މެމްބަރުން ނިހާން ސިފަ ކުރެއްވީ "އިތާ މުތެއް" ފަދައިންނެވެ.

"މަޖިލީހުގެ ނައިބު ރައީސް މޫސަ ވިދާޅުވި ފަދައިން މަޖިލިސް ފެށިގެން ކުރިއަށްދިޔައީމަ އަޅުގަނޑުމެންނަށް އެނގޭނެ އިތާމުތް ނަގަންވީ ހިސާބު. އެއީ ކޮންމެ ކޮންމެ ބަޔަކަށް ނެނގޭނެ އެއްޗެއް ނޫން. އިތާ ހޯދަން ވެސް އެނގޭނެ. އިތާ މުތް ހޯދާފަ އޭގެން ހާރު ގަތާފަ އެ އަދަދު އަނެއްކާ 50 އަށް ބަދަލުކުރާނެ ގޮތް ވެސް އަޅުގަނޑުމެންނަށް އެނގޭނެ،" ނިހާން ވިދާޅުވިއެވެ.

އެފަދަ ވާހަކައެއް ނިހާން ވިދާޅުވީ، އޭނާގެ ކުރިން ވާހަކަފުޅުދެއްކެވި ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކުގެ ވާހަކައަށް އިޝާރާތް ކުރައްވައެވެ.

ރީކޯގެ ވާހަކަފުޅުގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް ހުޅުވައި، އެތަނުގައި ސަރުކާރުން ބޭނުންވާ ކަންތައްތައް ވެސް ފާސްވެގެންދާނެ ކަމަށެވެ.