ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގާނޫނާ ހިލާފު އެއްވެސް ކަމެއް ކޮށްފައި ނޯންނާނެކަމަށް އެމްޑީއޭގެ ނާއިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފު ވިދާޅުވެއްޖެއެވެ.

ރުމާލު 2 ޖަގަހައިގައި މިރޭ ބޭއްވި ސަރުކާރު ކޯލިޝަންގެ ޖަލްސާގައި ވާހަކަދައްކަވަމުން މައުރޫފު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ވެރިކަން ކުރައްވަމުން ދެންދަވަނީ އެމަނިކުފާނު ކުރެއްވި ހުވަޔާ އެއްގޮތަށް ކަމަށެވެ.

" އެމަނިކުފާނު ކުރެއްވި ހުވަޔާއެއްގޮތަށް މިއަދާ ހަމައަށް ވެސް ވެރިކަންކުރައްވަމުން އެގެންދަވަނީ. އެހެންވީމާ ރައީސުލްޖުމްހޫރިއްޔާ އަޒުލް ކުރާނޭ އެއްވެސް ފުރުސަތެއް ނޯންނާނެޔޭ. ރައީސުލްޖުމްހޫރިއްޔާ ގާނޫނާ ހިލާފަށް ކުރެއްވި އެއްވެސް ކަމެއް މި ހަތަރު އަހަރުތެރޭ ނޯންނާނެޔޭ،" މައުރޫފު ވިދާޅުވިއެވެ.

މައުރޫފު ވިދާޅުވީ، މީގެ ކުރިން 100 އެތަކެއް ވެރިންނަށް ނުކުރެވުނު 100 އެތައް ކަމެއް ރައީސް ޔާމީން ކުރައްވައިފައިވާ ކަމަށާއި، އަދި މިއަހަރު ބާއްވާ އިންތިހާބުގައި 100 ޕަސެންޓް ވޯޓް ރައީސް ޔާމީނަށް ލިބޭނެކަން އިދިކޮޅު ފަރާތްތަކަށް އެނގޭތީ ޖެހިލުންވާ ކަމަށެވެ.

މޭ ޑޭގައި އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއަށް އިޝާރާތްކުރައްވައި މައުރޫފު ވިދާޅުވީ، އެ ދުވަހުވެސް އިދިކޮޅު ފަރާތްތަކުން، މުޒާހަރާއަށް މާލެއައި ފަރާތްތަކަށް ކެހިދިން ކަމަށާއި އަދި މުޒާހަރާއަށް މާލެއައުމުގެ ވިސްނުން ނުގެންގުޅުމަށެވެ.

މައުރޫފު ވިދާޅުވީ ފާއިތުވި ހަތަރު އަހަރުތެރޭ ރާއްޖެއަށް ބިޔަ އިންވެސްޓްމަންޓްތައް ގެނެސްދީފައިވާ ކަމަށާއި އަދި އެ މަނިކުފާނަށް ދިވެހި ރައްޔިތުން ފުރުސަތު ދޭން ޖެހޭނެ ކަމަށެވެ. އެހެންނަމަވެސް ގައުމު ދެކެ ލޯބިނުވާ ފަރާތްތަކަށް ފުރުސަތު ދީގެން ނުވާނެ ކަމަށް އެމްޑީއޭގެ ނައިބު ލީޑަރު ވިދާޅުވިއެވެ.