18 Aug 2011, 22:01
އީލާތް (އޮގަސްޓް 18) : އިސްރާއީލުގެ ދެކުނުގައި ދިން ޙަމަލާތަކެއްގައި ހަތް މީހަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެވެ. އިސްރާއީލުގެ ފުލުހުން ބުނި ގޮތުގައި މިޙަމަލާތައް ދީފައި ވަނީ ހަތިޔާރުއެޅި ބަޔަކު ބަޑިޔާއި ރޮކެޓާއި އަދި އެކިބާވަތުގެ ގޮވާތަކެތި ބޭނުންކޮށްގެންނެވެ. މިއީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ފިދާއީންގެ ޙަމަލާތަކެއް ކަމަށް އިސްރާއީލުގެ ދިފާޢީ ވަޒީރު އިހޫދް ބަރާކް ވަނީ ތުހުމަތު ކުރައްވާފަ އެވެ.
ނަމަވެސް މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި މި ޙަމަލާ ދިން މީހުން ތިބީ މިސްރުގެ އެއްގަމު ސިފައިންގެ ޔުނީފޯމްގަ އެވެ. އަދި އެމީހުން އައީ މިސްރުގެ ސަރަޙައްދީ ރޮނގު ހުރަސްކޮށް ކަމުގަ އެވެ. ނަމަވެސް މިސްރުން ވަނީ ސަރަޙައްދީ ރޮނގު ހުރަސްކޮށް މިސްރު ސިފައިންގެ އެއްވެސް މީހަކު އިސްރާއީލަށް ނުވަންނަ ކަމަށްބުނެ ވިވާހަކަތައް ދޮގުކޮށްފަ އެވެ.
މިއަދު މެންދުރެއްހާއިރު މިޙަމަލާތައް ދީފައި ވަނީ އިސްރާއީލުގެ ދެކުނުގެ ރެސޯޓް ރަށެއް ކަމަށްވާ އީލާތްގެ ކައިރިން ދަތުރުކުރި ފަސިންޖަރު ބަހަކަށާއި ޢަސްކަރީ ވެހިކަލަކަށާއި އަމިއްލަ ކާރަކަށެވެ. މިޙަމަލާތަކަށް ފަހު ހަތިޔާރު އެޅި މީހުންނާއި އިސްރާއީލު ސިފައިންނާ ދެމެދު އެ ސަރަޙައްދުގައި ވަރަށް ވަރުގަދަ އަށް ޙަމަލާތައް ބަދަލު ކުރެވުނު ކަމަށް އިސްރާއީލު ސިފައިންގެ ތަރްޖަމާނަކު ވިދާޅުވި އެވެ.
އިސްރާއީލަށް މިހަމަލާތައް ދީފައި ވަނީ މިހަފްތާގެ މެދުތެރޭގައި އިސްރާއީލު ސިފައިން ޣައްޒާއަށް ދިން ޙަމަލާތަކެއްގައި ފަލަސްތީނުގެ ދެ މީހަކު ޝަހީދުވެ އިތުރު ފަސްމީހަކު ޒަޚަމްވެފައިވަނިކޮށެވެ. މިއަދު އިސްރާއީލަށް ޙަމަލާތައް ދީފައި ވަނީ ފަލަސްތީނުގެ ބިންތައް ހިފައިގެން ދުނިޔޭގެ ކަންކޮޅުތަކުން ޔަހޫދީން ގެނަސް އެބިންތަކުގައި ވަޒަންވެރިކުރުވުމުގެ މަޝްރޫޢު އިސްރާއީލުން ތަންފީޒު ކުރަމުން ގެންދާތަން ބަލަން ނުތިބޭނެ ކަމަށާ ފަލަސްތީނުގެ ބިންތައް ހިފައިގެން އަމާންކަމުގައި އުޅުމުގެ ފުރްސަތު އިސްރާއީލަށް ނުދޭނެކަމަށް ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ބުނެ އިންޒާރު ކޮށްފައިވަނިކޮށެވެ.
ސުލްހަވެރިކަމާ އެކު ފަލަސްތީނުގެ ޙައްޤުތައް ހޯދައި ބިންތައް މިނިވަން ކުރުމަށް ފަލަސްތީނުން އިސްރާއީލާ އެކު ދައްކަމުން ގެންދިޔަ 18 އަހަރުވީ ދިގުލީ ސުލްޙައިގެ ވާހަކަތައް ވަނީ ނާކާމިޔާބުވެފަ އެވެ. އަދި ފަލަސްތީނުގެ މިނިވަން ދައުލަތް އިޢްލާންކުރުމަށް އދ.ގައި ފަލަސްތީނުންކުރާ ޑިޕްލޮމެޓިކް މަސައްކަތްތައް ވީޓޯގެ ބާރުބޭނުންކޮށްގެން ފެންކޮށްލާނެ ކަމުގެ އިންޒާރު އެމެރިކާ ދަނީ ދެމުންނެވެ. މިކަންތައް ތަކުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ މުސްތަޤްބަލާ މެދު މާޔޫސްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. (އަލްޖަޒީރާ)