ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ސުޕްރީމް ކޯޓުން ބާތިލުކޮށްފިއެވެ.

ސުޕްރީމް ކޯޓުން މިރޭ އަމުރެއްގައި ބުނެފައި ވަނީ ފުލުހަށް ހުށަހެޅުނު ރިޝްވަތުގެ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ ފުލުހުން ހަސަން ސައީދު ހައްޔަރުކުރަން އުޅޭ މައްސަލާގައި ހިމެނޭ ކަންކަމަށް ބެލިއިރު އަދުލުއިންސާފު ގާއިމުކުރުމުގެ ބާރުގެ އެންމެ އިސް އިދާރީ މުވައްޒަފު،ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހައްޔަރުކުރުމުގެ އަމުރު ނެރެ ތަންފީޒުކުރުމުގެ މަސައްކަތް ކުރަމުންދަނީ ހަމަޖެހިފައިވާ ގާނޫނީ އިޖުރާއަތާ ހިލާފަށް ކަމަށެވެ.

"އަދުލު އިންސާފުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމަށް މަގުފައިވާ ގޮތަށްކަން އެނގެން އޮންނާތީ އެ އަމުރަކީ ބާތިލް އަމުރެއް ކަމަށް ކަނޑައަޅައި އެ އަމުރާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަންގަން،" ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވެއެވެ.

އެ އަމުރުގައި އިތުރަށް ބުނެފައި ވަނީ ހައްޔަރުކުރުމުގެ އަމުރާ ގުޅޭ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅުނީއްސުރެ އެ ކޯޓުން އެ މައްސަލައާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އެނގޭ ގޮތަށް މައްސަލައިގެ ފައިލްގައި ހިމެނޭ އެންމެހައި ލިޔުންތަކާއެކު މައްސަލައިގެ ފައިލް މިރޭ 7:00 ގެ ކުރިން ސުޕްރީމް ކޯޓަށް ފޮނުވަން ޖެހޭނެ ކަމަށެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މާލޭގައި އިމާރާތްކޮށްފައިވާ ކޮމާޝަލް ހައުސިންގް އެޕާޓްމެންޓް ޕްރޮޖެކްޓްގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓްތަކުން ފްލެޓެއް ގަތުމަށް ހަސަން ސައީދު ދާދި ފަހުން ކޮށްފައިވާ މުއާމަލާތެއްގެ ކިތާބީ ހެކި ފުލުހުންނަށް ލިބިފައިވާ ކަމަށާއި، އެކަމުގެ ތެރެއިން ރިޝްވަތުގެ މުއާމަލާތެއްގައި ބައިވެރިވެފައިވާ ކަމުގެ ކިތަބީ ހެކި ވެސް ލިބިފައިވާ ކަމަށެވެ.

މީގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އާއިލާގެ ދެ ބޭފުޅަކު އެ ހައުސިންގް ޕްރޮޖެކްޓްގެ ދަށުން ފްލެޓު ގަތުމަށް މުއާމަލާތްކުރެއްވި ކަމުގެ ކިތާބީ ހެކި ވެސް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެކަމުގެ މައުލޫމާތު ސާފުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި ޑީޖޭއޭގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ދިރިއުޅުއްވާ ހ. ނިޝާން ޕްލާޒާއަށް ފުލުހުން ވަދެފައިވެއެވެ. އެހެން ނަމަވެސް އެއީ ކޮން ބޭނުމެއްގައިކަމެއް އެނގިފައެއް ނުވެއެވެ.