ސުޕްރީމް ކޯޓުން މިިދިޔަ ބުރާސްފަތި ދުވަހު ނެރުނު އަމުރު ތަންފީޒުކުރުމަށް ގާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ދާދި ދެންމެއަކު ބުނެފިއެވެ.

ސުޕްރީމް ކޯޓުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެ ކޯޓުން ނެރެފައިވާ އަމުރުގައިވާ ކަންތައްތައް ތަންފީޒުކުރުމުގައި އިތުރު އިރުޝާދާއި މަޝްވަރާއަށް އެދިލައްވާފައިވާ ކަމަށާއި ނަމަވެސް ކޯޓު އަމުރު ތަންފީޒު ކުރަންޖެހޭ ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އެ އަމުރު ތަންފީޒު ކުރުމަށް ގާނޫނީ ގޮތުން ހުރަސް އެޅިދާނެ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

"އަމުރު ތަންފީޒު ކުރުމަށް ގާނޫނީ ގޮތުން ހުރަސް އެޅިދާނެ އެއްވެސް ސަބަބެއް ނެތްކަމަށާއި އަދި އެ އަމުރުގައިވާ ގޮތުގެމަތިން އަލުން ޝަރީއަތް ހިންގަންޖެހޭ ފަރާތްތަކުގެ ޝަރީއަތް ހިންގުމަށްޓަކައި ގާނޫނީ ގޮތުން އަޅަން ޖެހެ ފިޔަވަޅެއް ވާނަމަ އެކަން ކަމާބެހޭ ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް ޕްރޮސެކިއުޓާ ޖެނަރަލަށް ގާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅާފައިވާތީ އެކަން ވަނީ ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވިފައެވެ." ސުޕްރީމް ކޯޓުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު ނެރުނު އަމުރާ ގުޅިގެން ދައުލަތުގެ ފަރާތުން ބަންޑާރަ ނައިބު ވިދާޅުވީ، އެ އަމުރު ތަންފީޒުކުރުމުގައި ހުރަސްތަކެއް ހުރި ކަމަށާއި، އެކަންކަމުގައި ސުޕްރީމް ކޯޓުގެ ލަފައަށް އެދުމުން "ޑިއު ޕްރޮސެސް"އަކަށް އަމުރު ތަންފީޒުކުރުމަށް އުއްތަމަ ފަނޑިޔާރު ލަފާދެއްވި ކަމަށެވެ.