18 Aug 2011, 18:05
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެމްލް)ގެ ސާވާއަށް ދިމާވި މައްސަލަ ހައްލުކޮށް އެ ބޭންކުގެ ހިދުމަތް ކުރިއެކޭ ވެސް އެއްގޮތަށް އަލުން ދޭންފަށައިފި އެވެ.
ބީއެމްއެލްގެ ސާވާ ރޫމުން ކަރަންޓް ދިއުމާ ގުޅިގެން މިއަދު މެންދުރު 12 އިން ފެށިގެން ހަވީރު 4:30 އާ ހަމައަށް ބީއެމްއެލްގެ ހުރިހާ ހިދުމަތެއް ވަނީ މުޅިންހެން މެދުކެނޑިފަ އެވެ.
އެ މައްސަލައިގައި ދާދިދެންމެ އަކު ބޭންކުން އާންމު ކުރި ބަޔާނެއްގައި ބުނަނީ ބޭންކުގެ ހިދުމަތްތައް މެދުކަނޑާލީ ކަރަންޓްގެ މައްސަލަ ހައްލުނުކޮށް ބޭންކުގެ ހިދުމަތް ކުރިއަށް ގެންގޮސްފި ނަމަ ސަލާމަތީ ގޮތުން ދިމާވެދާނެ މައްސަލަަތަކަށް ބެލުމަށް ފަހު ކަމަށެވެ. އެ މައްސަލަ ހައްލުކޮށް ބޭންކުގެ ހިދުމަތްތައް މިއަދު 4:30ގައި އަލުން ފަށާފައިވާ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
ބީއެމްއެލް އިން ބުނީ އެ ބޭންކުގެ ހިދުމަތް ހޯދަން މިއަދު އައި އައި ކަސްޓަރަމަރުންނަށް ހިދުމަތް ދީ ނިމެންދެން ބޭންކު ހުޅުވާފައި ހުންނާނެ ކަމަށެވެ.
"... މިއަދު ވަޑައިގެންނެވި ކަސްޓަމަރުންނަށް ހިދުމަތްދީ ނިމެންދެން ބޭންކުގެ ބްރާންޗްތައް ހުޅުވިފައި ހުންނާނެ ވާހަކަ ދަންނަނވަމެވެ. މި ކަމާ ގުޅިގެން ކަސްޓަމަރުންނަށް ކުރިމަތިވި ދަތިތަކަށް ބޭންކުން ނިހާޔަތަށް މައާފަށް އެދެމެވެ." ބޭންކުގެ ބަޔާނުގައިވެ އެވެ.