04 Feb 2018, 17:51
އިދިކޮޅު ފަރާތްތަކުން ރޭ ކުރި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ޕީޕީއެމްގެ ކުރީގެ ކައުންސިލް މެމްބަރު އައިމިނަތު ނާދިރާ ދޫކޮށްލައިފިއެވެ.
ނާދިރާ ދޫކޮށްލީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު މެންދުރު ކްރިމިނަލް ކޯޓަށް ގެނައުމުންނެވެ.
މުއްދަތުގެ މަޖިލީހަށްފަހު ނާދިރާގެ ވަކީލް ވިދާޅުވީ އޭނާގެ މުވައްކިލުގެ މައްޗަށް ކޮށްފައިވަނީ އަންހެން ފުލުހަކަށް އަނިޔާކުރިކަމުގެ ތުހުމަތު ކަމަށާއި ފުލުހުން އެދުނީ އެ މައްސަލައިގެ ތަހްގީީގަށް ނާދިރާ ބަންދުކޮށްދިނުމަށް ކަމަށެވެ.
ނާދިރާއާ ދެކޮޅަށް އެއްވެސް ހެއްކެއް ފުލުހުންނަށް ދެއްކިފައި ނުވާއިރު ނާދިރާ އަނިޔާކުރި ފުލުސް އޮފިސަރަށް ލިބުނު އަނިޔާއެއް ވެސް ދެކިފައި ނުވާ ކަމަށް ވާކީލު ވިދާޅުވިއެވެ.
ޖަލު ހުކުމް ތަންފީޒުކުރަމުންދާ ނުވަ ސިޔާސީ ބޭފުޅުން ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް އިދިކޮޅު ހަރަކާތުން ރޭ ބޭއްވި އެއްވުމުގައި ނާދިރާގެ އިތުރުން ވެސް ދެ މީހަކު ހައްޔަރުކުރިއެވެ. ނަމަވެސް ނާދިރާ ފިޔަވައި އަނެއް ދެ މީހުން ވަނީ ދޫކޮށްލައިފައެވެ.