ށ. ފުނަދޫއާއި ގދ. މާވަރުލު އެއާޕޯޓްގެ ރަންވޭއާއި ޓެކްސީވޭ އަދި އޭޕްރަން ހަދައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

އެ މިނިސްޓްރީން މިއަދު ގެޒެޓްގައި ކުރި އިއުލާނެއްގައި ބުނެފައި ވަނީ ފުނަދޫ އާއި މާވާރުލު އެއާޕޯޓުގެ މަސައްކަތްތަކުގައި ބައިވެރިވާ ކުންފުނިތަކުން ބިޑު ސެކިޔުރިޓީ ހުށަހަޅަން ޖެހޭ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހުގެ މުއްދަތަށް ކަމަށެވެ. އަދި ޕާފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ ފަސް ޕަސެންޓު ކަމަށާއި އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް ދިހަ ޕަސެންޓުގެ އަގުގެ އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

އެ އިއުލާނުގައި އިތުރަށް ބުނެފައި ވަނީ އެ ޕްރޮޖެކްޓުތަކުގެ ޕްރީ ބިޑް ބައްދަލުވުމެއް އަންނަ ބުރާސްފަތި ދުވަހު 11 ޖަހާއިރު އޮންނާނެ ކަމަށެވެ. އަދި އެ ޕްރޮޖެކްޓަށް ހުށަހަޅާ ބިޑް ހުޅުވުން މި މަހުގެ 15 ދުވަހު އޮންނާނެ ކަމަށް ވެސް ފިނޭންސްއިން ބުނެއެވެ.

ފުނަދޫ އެއާޕޯޓްގެ ރަންވޭއާއި ޓެކްސީވޭ އަދި އޭޕްރަން ހަދާނެ ބަޔަކު ހޯދަން އިއުލާން ކުރި އިރު އެއާޕޯޓު ހަދާ ސަރަހައްދުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން މިހާރު އަންނަނީ ކުރަމުންނެވެ. އެގޮތުން އެ ރަށުގެ އުތުރުކޮޅުގެ ހުޅަނގު ފަރާތުން 21 ހެކްޓަރުގެ ބިން ހިއްކަން ވަނީ ފަށައިފައެވެ.

މާވާރުލުގައި ޑޮމެސްޓިކް އެއާޕޯޓެއް ތަރައްގީކޮށް ހިންގުމަށް މޫވިން އިންޓަނޭޝަންލްއާ ހަވާލުކުރީ 2011 ވަނަ އަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހުއެވެ. އަދި އެގްރީމެންޓް ބާތިލްކޮށް އެތަން އަނބުރާ ސަރުކާރަށް ވަނީ ނަގާފައެވެ.