އިންޑިއާ ފުޓުބޯޅައިގެ ވަރުގަދަ ބާރު ކަމަށްވާ ބެންގަލޫރު އެފްސީގެ ކޯޗު، އަލްބާޓް ރޯކާއަކީ އިންޑިއާގެ ގައުމީ ޓީމަށް އެކަށީގެންވާ ކޯޗެއް ކަމަށް އެ ގައުމުގެ ފުޓުބޯޅަ ލެޖެންޑް ބައިޗުން ބުޓިޔާ ބުނެފިއެވެ.

ބެންގަލޫރު އެފްސީގެ ކޯޗުކަމާ ރޯކާ ހަވާލުވީ 2016 ވަނަ އަހަރުގައެވެ. ރޯކާއަކީ ބެންގަލޫރު އެފްސީ، ސައުތު އޭޝިއާގެ ގަދަ ބާރެއްގެ ގޮތުގައި މިއަދު އޮތުމުގެ ފަހަތުގައި މުހިންމު ރޯލެއް އަދާކުރި ކޯޗެކެވެ.

ރޯކާގެ އިރުޝާދުގެ ދަށުން ބެންގަލޫރު އެފްސީއާއެކު އިންޑިއާގެ ފެޑަރޭޝަން ކަޕު ކާމިޔާބުކޮށް އޭއެފްސީ ކަޕަށް ކޮލިފައިވެފައިވާ އިރު، އޭނާގެ އެންމެ ބޮޑު ކާމިޔާބީއަކީ ބެންގަލޫރު އެފްސީއާއެކު އޭއެފްސީ ކަޕުގެ ފައިނަލަށް ދަތުރު ކުރުމެވެ. އަދި މިދިޔަ އަހަރުގެ އޭއެފްސީ ކަޕުގައިވެސް ބެންގަލޫރު އެފްސީ ވަނީ ގްރޫޕް ސުޓޭޖު ފަހަނައަޅާ ގޮސް އިންޓަ ޒޯން ޕްލޭއޮފް ފައިނަލްވެސް ކުޅެފައެވެ.

ބުޓިޔާ ބުނެފައިވަނީ ރޯކާއަކީ ފުޓުބޯޅައިގެ ވިސްނުން ރަނގަޅު، ނިންމުންތައް ނިންމަން އަވަސް ކޯޗެއް ކަމަށެވެ. އަދި އޭއެފްސީ ކަޕުގެ ފައިނަލަށް ބެންގަލޫރު އެފްސީ ގެންދިއުމަކީ އެގައުމުގެ ތާރީހުގައިވެސް ކޯޗަކު ހޯދި އެންމެ މުހިންމު ކާމިޔާބީކަމަށްވެސް ބުޓިޔާ ފާހަގަކުރިއެވެ.

ބުޓިޔާ ބުނީ ބުރަބޮޑު ޝެޑިއުލެއްގައި ކުޅެމުންވެސް ކުޅުންތެރިންގެ ފަރާތުން އެންމެ ހުނަރުވެރި ކުޅުން ނެރެވޭ ކޯޗަކީ މޮޅު ކޯޗެއް ކަމަށާއި، ރޯކާ ފާހަގަކުރެވެނީ އެކަމަށް ކުޅަދާނަ ކޯޗެއްގެ ގޮތުގައި ކަމަށެވެ.

އިންޑިއާ ގައުމީ ޓީމާ މިވަގުތު ހަވާލުވެ ހުރި ކޯޗަކީ ސެޓެފަން ކޮންސެސްޓައިންއެވެ. 2015 ވަނަ އަހަރުން ފެށިގެން އެގައުމުގެ ގައުމީ ޓީމުގެ ކޯޗުކަން ކުރަމުން އަންނަ ކޮންސެސްޓައިން ވަނީ އިންޑިއާ ފުޓުބޯޅައަށް ކުރިއެރުންތަކެއް ގެނުވައިފައެވެ. އޭނާގެ ކޮންޓްރެކްޓާ މެދު ގޮތެއް ނިންމުމަށް މިމަހު ހަތްވަނަ ދުވަހު އިންޑިއާގެ ފުޓުބޯޅަ އިދާރާއިން މަޝްވަރާކުރުމަށް ހަމަޖެހިފައިވާ އިރު، އިންޑިއާގެ ރިޕޯޓްތައް ބުނެފައިވަނީ ބައެއް ކުޅުންތެރިންނާއި ކޯޗު ކޮންސެސްޓައިންއާ މެދު މައްސަލަތަކެއް އުޅޭ ކަމަށެވެ.

ބުޓިޔާ ވަނީ އިންޑިއާގެ ކޯޗުކަމުގެ މަގާމަށް އިތުރު ނަންތަކެއްވެސް ހުށައަޅައިފައެވެ. އޭގެ ތެރޭގައި ޗެންނާއީ އެފްސީގެ ކޯޗު ޖޯން ގްރިގޮރީ އަދި ޕޫނޭ ސިޓީގެ ކޯޗު ރަންކޯ ޕޮޕޮވިޗް ހިމެނެއެވެ.