04 Feb 2018, 16:48
އައިފޯނު 7ގެ ބައެއް ފޯނުތަކުގައި މައްސަލަ އުޅޭކަން ގަބޫލުކޮށް މައްސަލަ ދިމާވާ ފޯނުތައް ހިލޭ މަރާމާތުކޮށްދޭނެ ކަމަށް އެޕަލްއިން ބުނެފިއެވެ.
އެޕަލް އިން ބުނީ ބަދަލުދޭނީ 2016 ސެޕްޓެމްބަރު މަހުން ފެށިގެން މިއަހަރުގެ ފެބްރުއަރީއާ ދެމެދު އުފައްދާފައިފާ ފޯނުތަކުގެ ތެރެއިން ޗައިނާ، ހޮންގްކޮންގް، ޖަޕާން ނޫނީ އެމެރިކާގެ މާކެޓުން ގަނެފައިވާ ފޯނުތަކަށް ކަމަށެވެ. ފޯނުތަކުގައި އިންނަ ހާއްސަ ނަންބަރަކުން އެޕަލްއަށް ފޯނުތައް ދެނެގަނެވޭނެއެވެ.
އައިފޯނު 7އަށް ދިމާވާ މައްސަލައަކީ ފްލައިޓް މޯޑަށް ލުމަށްފަހު އަލުން ނެޓްވޯކަށް އެނބުރި ދާއިރު ނެޓްވޯކް ރިކޮގްނައިޒް ނުވުމެވެ. ނޫނީ ނެޓްވޯކް އެއްގޮތަކަށްވެސް ދައްކައި ނުދިނުމެވެ. މި މައްސަލަ ދިމާވަނީ މެއިން ލޮޖިކް ބޯޑުގައި އުޅޭ މައްސަލައަކުން ކަމަށާއި މައްސަލަ ހިލޭ ހައްލުކޮށްދޭނެ ކަމަށް އެޕަލް އިން ބުނެއެވެ.
މި މައްސަލަ ދިމާވެފައިވާ ފޯނުތަކުގައި އިތުރު މައްސަލައެއް އުޅޭނަމަ، (މިސާލަކަށް ސްކްރީން ތަޅައިގެންދިއުން) ނެޓްވޯކް މައްސަލަ ރަނގަޅު ކޮށްދޭނީ ސްކްރީން ރަނގަޅުކޮށްގެން ގެންދިއުމުން ކަމަށްވެސް އެޕަލް އިން ބުނެއެވެ.
އެޕަލްއިން ދާދިފަހުން ވަނީ އައިފޯނުގެ ބެޓެރީ ނުހިފަހައްޓާ މައްސަލަވެސް ގަބޫލުކޮށް އެކަން ހައްލުކޮށްދިނުމަށް ކުޑަ އަގެއްގައި ބެޓެރީ ބަދަކުކޮށްދޭން ނިންމައިފައެވެ.