ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަގާމުން ދުރުކުރުމުގެ ބާރު ލިބިގެން ވަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބަންޑާރަ ނައިބުގެ މަގާމް އަދާކުރެއްވި ގާނޫނީ ވަކީލް ހުސުނުއްސުއޫދު ވިދާޅުވެއްޖެ އެވެ.

ސުއޫދުގެ ލޯ ފާމްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވެއްގައި އޭނާ ވިދާޅުވީ ދައުލަތުގެ އެންމެ އިސްވެރިއެއްގެ މަގާމުގައި ހުންނަވާ ރައިސިލްޖުމްހޫރިއްޔާ މަގާމުން ދުރުކުރެވޭނީ އޭނާގެ މައްޗަށް ޝަރީއަތްކޮށް ކުށެއް ސާބިތުވާ ނަމަ ކަމަށާއި ހަމަ އެކަނި އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައިގެން މަގާމުން ދުރުކުރެވިދާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުން އެބަ އޮތް އޭގެ އިޖުރާއަތްތަކެއް ކަނޑައަޅާފައި، ރައިސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރެވޭނެ ގޮތްތަކެއް އެބަހުރި. އެ އިޖުރާތްތައް ހުރީ ވަރަށް ބޮޑަށް ކޮމްޕްރޮމައިޒްކޮށްފައި އެ ބޭފުޅުން އަމިއްލަ އަށް ގަވާއިދަށް ގެނައި އިސްލާހުތަކަކާ އެކު،" ސުއޫދު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން ރައިސުލްޖުމްހޫރިއްޔާ އަޒުލް ކުރުމަށް އަމުރެއް ނެރެން އުޅޭ ކަން ފާހަގަކުރައްވައި ބަންޑާރަ ނައިބު މުހައްމަދު އަނިލް ވާހަކަފުޅު ދައްކަވަފައިވަނިކޮށް ސުއޫދު ވިދާޅުވީ ސުޕްރީމް ކޯޓަށް ނިންމޭނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ ޝަރުތުތަކުގެ ތެރެއިން ޝަރުތެއް ހަމަ ނުވާ ކަމަށް ކަމަށެވެ.

ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނެރުނު އަމުރާ ގުޅިގެން އުފެދިފައިވާ ނުތަނަވަސް ކަމާ ބެހޭ ގޮތުން ސުއޫދު ވިދާޅުވީ ކޯޓުތަކުން ކުރާ އަމުރުތަކަށް ތަބާވުމަކީ ހުރިހާ ފަރާތްތަކަށް ވެސް ލާޒިމު ކަމެއް ކަމަށާއި ހުކުމްތަކަށް ތަބާނުވާން ގޮވާލާ ފަރާތްތަކާ މެދު ކޯޓުން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.

"ސުޕްރީމް ކޯޓުގެ އަމުރުގައި މައްސަލަތަކެއް ހުރެދާނެ. މައްސަލަތަކެއް ހުރިއްޔާ އެކަން ހައްލުކުރެވޭނެ ގޮތްތަކެއް ރާވައި ހުށަހަޅައިދިނުމަކީ އަޅުގަނޑު ދެކޭ ގޮތުގައި އަމުރުގައިވާ ގޮތަށް އަމަލުކުރުމަށް ފަހު ބަންޑާރަ ނައިބަށް ލަފާ ދެވިދާނެ ކަންތައްތަކެއް،" ސުއޫދު ވިދާޅުވި އެވެ.

"ޝަރުއީ އަމުރެއް އޮތިއްޔާ ޖެހޭނެ އެއަށް އަމަލުކުރަން. އަޅުގަނޑު ވެސް ގަބޫލުކުރަން އެ އަމުރުގައި އެބަހުރި އުނި ކަންތައްތަކެއް. ޖުޑިޝަލް ސަވިސް ކޮމިޝަނުގެ ބާރު ކަނޑުވައެއް ނުލެވޭނެ. ނަމަވެސް އެ އަމުރަށް ތަބާވުމަކީ ރާއްޖޭގެ ހުރިހާ މުއައްސަސާއެއްގެ މައްޗަށް ވެސް ލާޒިމް ކަމެއް،" ސުއޫދު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ހިމެނޭ ގޮތަށް ސިޔާސީ ނުވަ ބޭފުޅަކު މިނިވަންކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެ އިން އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ 12 މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައި އެ ނިންމުން އަލުން ރިވިއުކުރުށެވެ.