ގ. މޫން ކެފޭއިން ބައެއް ސާމާނާއި ފައިސާތަކެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު އިއްޔެ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މޫން ކެފޭ އިން ވައްކަން ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ގ. ރަނައުރާގެއާގެ މުހައްމަދު މުފައްސިރު 24، އާއި ގ. ރެޑްޕާލް ސަމާހު މޫސާ ދީދީ 20، ކަމަށެވެ. އަދި އެ ދެ މީހުންގެ ތެރެއިން މުހައްމަދު މުފައްސިރު އަތުލައިގަތީ ފުލުހުންނަށް ފިލަން ވެގެން އަލިކިލެގެ ފާނުމަގުން ދުއްވެފައި ދަނިކޮށް ކަމަށެވެ. އަދި ސަމާހު މޫސާ ދީދީ ހައްޔަރު ކުރީ ގ. ރެޑްޕާލް އިން ކަމަށް ފުލުހުން ބުންޏެވެ.

އެ ދެ މީހުން ހައްޔަރުކޮށް ބަލައި ފާސް ކުރި އިރު، މޫން ކެފޭއިން ވަގަށް ނަގާފައިވާ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރޭގައި ފައިސާ އާއި މޯބައިލް ފޯނާއި އިލެކްޓްރޯނިކްސް ސާމާނުތަކެއް ވެސް ހިމެނެ އެވެ.

ފުލުހުން ބުނީ އެ މީހުން ދިރިއުޅޭގެ ބަލައި ފާސްކުރި އިރު އެހެން ގެތަކަކުން ވެސް ވައްކަން ކޮށްގެން ނަގާފައިވާ ތަކެތި ފެނިފައިވާ ކަމަށެވެ. އެ ގޮތުން މ. ދިމްޝާދު ހިޔާއިންނާއި ގ.ރެޑްޕާލްއިން ގެއްލިގެން ފުލުހުންނަށް ހުށަހަޅާފައިވާ ތަކެތި އެ މީހުން ދިރިއުޅޭ ގެއިން ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ގަލޮޅު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން ވަނީ މި މަހުގެ 13 ވަނަ ދުވަހުގެ ރޭ ދަންވަރު ވެށި ފަހިމާލެ އޮފީހުން ވައްކަންކުރަން މަސައްކަތް ކުރި މީހަކު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ފުލުހުން ބުނީ އެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށެވެ.