ރާއްޖޭގެ ޒުވާން ދުވުންތެރިޔާ މުހައްމަދު ނާއިލް 400 މީޓަރު ޖޫނިއާ ރެކޯޑް އަނެއްކާ ވެސް އައުކޮށްފި އެވެ.

މި ރެކޯޑު ކުރިން ވެސް އޮންނަ ނާއިލް ވަނީ 2016 ވަނަ އަހަރު ބޮޓްސްވާނާ ނޭޝަނަލް ޗެމްޕިއަންޝިޕްގައި އޭނާގެ ރެކޯޑު އައުކޮށްފަ އެވެ. ނާއިލް މިފަހަރު ރެކޯޑު އައުކުރީ ބޮޓްސްވާނާގެ ފްރެންސިސް ޓައުންގައި ކުރިއަށްދާ ބޮޓްސްވާނާ އެތުލެޓިކްސް އެސޯސިއޭޝަން ސީރީސްގަ އެވެ.

ނާއިލް ކުރިން ރެކޯޑު ހަދައިފާ އޮތީ 48.53 ސިކުންތުން 400 މީޓަރު ރޭސް ނިންމައިގެންނެވެ. ނާއިލް އޭނާގެ އަމިއްލަ ރެކޯޑު އައުކުރީ މިދިޔަ ޖެނުއަރީ 27 ވަނަ ދުވަހު ބޮޓްސްވާނާ އެތުލެޓިކްސް އެސޯސިއޭޝަން ސީރީސްގައި 48:25 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ނާއިލްއަކީ ބޮސްޓޯވާގައި ފަރިތަކުރުންތައް ފުރިހަމަ ކުރަމުންދާ އެތުލީޓެކެވެ. އޭނާއާއެކު ފަރިތަކުރުންތައް ހަދަމުން އަންނަ ދެ ދިވެހިން ކަމަށްވާ އިބްރާހީމް އަޝްފާން ޢަލީ އާއި ޢަލީ ޝާމްވެސް ބޮޓްސްވާނާ އެތުލެޓިކްސް އެސޯސިއޭޝަން ސީރީސްގައި ވާދަކުރެ އެވެ. އިބްރާހީމް އަޝްފާން ޢަލީ ވާދަކޮށްފައި ވަނީ 100 މީޓަރު އަދި 200 މީޓަރު ދުވުމުގަ އެވެ.