އަންހެނުންގެ އަގު ވަޒަންކުރުމަށް ޖެންޑާ މިނިސްޓްރީން ދެމުން އަންނަ ރެހެންދި އެވޯޑަށް ނަން ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކޮށްފި އެވެ.

ޖެންޑާ މިނިސްޓްރީން ގެޒެޓްގައި އާންމުކޮށްފައިވާ އިއުލާނެއްގައި ބުނީ، އަންހެނުންގެ އަގު ވަޒަންކުރުމަށް "ރެހެންދި އެވޯޑު"ގެ ނަމުގައި، ޖެންޑާ މިނިސްޓްރީން ކޮންމެ އަހަރަކުދޭ ގޮތަށް ހަމަޖެހިފައިވާ އެވޯޑަށް ނަން ހުށަހެޅުމަށް ކުރިން ކަނޑައެޅި ތާރީހުގެ މުއްދަތު މިމަހު އަށެއްވާ ބުރާސްފަތި ދުވަހުގެ 2:00 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

ޖެންޑާ މިނިސްޓްރީ އިން ބުނީ އަމިއްލަ އަށް ނަން ހުށަހެޅުމުގެ ފުރުސަތާއި އެހެން ފަރާތެއްގެ ނަން ހުށަހެޅުމުގެ ފުރުސަތުގެ އިތުރުން މުއައްސަސާތަކާއި އޮފީސް އަދި ކުންފުނިތަކަށް އެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެ ކަމަށް އެދޭ ފޯމު އެ މިނިސްޓްރީން ލިބެން ހުންނާނެ ކަމަށާއި ވެބްސައިޓުގެ އެޑްރެސްwww.gender.gov.mvއިން ޑައުންލޯޑް ކުރެވޭނެ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުންޏެވެ.

އެ އެވޯޑު ދެމުން އަންނަނީ ކޮންމެ އަހަރަކު ވެސް މާޗު އަށެއްގައި ފާހަގަކުރާ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހު އެވެ.