ރައްޔިތުންގެ މަޖިލީހުގެ މަންޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާންއާއި ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދު މިއަދު ރާއްޖެ ވަޑައިގަތުމާ އެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ސިނާންއާއި އިލްހާމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަކަން އެ ބޭފުޅުންގެ އާއިލާއިން ވަނީ 'ސަން'އަށް ކަށަވަރުކޮށްދީފައެވެ. ނަމަވެސް އެ ދެ މެންބަރުން ހައްޔަރުކުރި ކަމެއް ފުލުހުން އަދި ކަށަވަރެއް ނުކޮށްދެއެވެ.

އެ ދެ މެންބަރުންނާއި އެކު ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) ވެސް މާލެ ވަޑައިގަތެވެ. ނަމަވެސް ފުލުހުން އަބުޅޯ ހައްޔަރުކޮށްފައެއް ނުވެއެވެ.

މާލެ ވަޑައިގަތުމަށް ފަހު އަބުޅޯ ވިދާޅުވީ އޭނާއާ ފުލުހުން އެއްވެސް ސުވާލެއް ކޮށްފައިނުވާ ކަމަށާއި ނަމަވެސް އިލްހާމް އަދި ސިނާން ފުލުހުން ހައްޔަރުކޮށްގެން ގެންދިޔަ ކަމަށެވެ.

"ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރުމަށް މިއަދުން ފެށިގެން އަޅުގަނޑު މި ނިކުތީ. އިރާދަކުރެއްވިއްޔާ އަޅުގަނޑު ފަހަތަކަށް ނުޖެހޭނަން. އަޅުގަނޑު ހުންނަވާނީ ރައްޔިތުންނާއ އެކީގައި ސާބިތުކަމާއި އެކު. އަޅުގަނޑުގެ ހިތްވަރަކަށް ބަދަލެއް ނާންނާނެ،" އަބުޅޯ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގައި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން، މެމްބަރު ސިނާނާއި މެމްބަރު އިލްހާމް 14 ދުވަހުގެ ތެރޭގައި ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައި، އެ އިދާރާއިން ވަނީ މީގެ ހަތަރު ދުވަސް ކުރިން ނޫސް ބަޔާނެއް ނެރެފައެވެ.

އިލްހާމްއާއި ސިނާނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދި އިރު އެ މައްސަލައަށް ތާއީދުކޮށް، ސަރުކާރު ހިންގާ ޕީޕީއެމްގައި ހުންނެވުމަށްފަހު އިދިކޮޅާ ގުޅުނު ދެ މެންބަރުންނެވެ. އެދުވަސްވަރު ސިޔާސީ މަސްރަހު ހަލަބޮލިވެފައި ވަނިކޮށް ދެ މެންބަރުން ވެސް ރާއްޖެއިން ބޭރަށް ވަޑައިގަތެވެ.

އިލްހާމްއާއި ސިނާނު މިއަދު ރާއްޖެ ވަޑައިގެންފައި ވާއިރު، އެ ދެ މެންބަރުންނަކީ މަޖިލީހުގެ ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަން ކޮމިޝަނުން އިއުލާނުކުރި 12 މެންބަރުންގެ ތެރޭގައި ހިމެނޭ ދެ މެންބަރުންނެވެ. އެ ދެ މެންބަރުން ރާއްޖެ ވަޑައިގަތީ މަޖިލީހުގެ މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުން ނެރުނުތާ ދެ ދުވަސް ފަހުންނެވެ.