04 Feb 2018, 12:51
ރާއްޖެ ޓީވީ ބަންދުކުރުމަށް ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް އިން ގޮވާލި ގޮވާލުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށް ރާއްޖެ ޓީވީ އިން ބުނެފި އެވެ.
ރާއްޖެ ޓީވީ އިން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ އެ ޓީވީ ސްޓޭޝަން ބަންދު ކޮށްދިނުމަށް ޕީޕީއެމް އިން ގޮވާލި ގޮވާލުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
ރާއްޖެ ޓީވީން ބުނީ އެދިން އިންޒާރަކީ އެ ޓީވީ ސްޓޭޝަންގެ އިތުރުން ހުރިހާ ނޫސްވެރިންނަށް ދިން ބިރުވެރި އިންޒާރެއް ކަމަށެވެ.
ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ރާއްޖެ ބައިވެރިވާ ބައިނަލްއަގްވާމީ މުއާހަދާތަކުން ކަށަވަރު ކޮށްދީފައިވާ ކަމަކަށްވީ ނަމަވެސް، ވެރިކަން ކުރާ ޕާޓީ ޕީޕީއެމް އިން ރާއްޖެ ޓީވީ ބަންދުކުރަން ގޮވާލުމަކީ ދަށު ދަރަޖައިގެ ނާތަހުޒީބު، ޑިމޮކްރަސީ އާާ ބީރަށްޓެހި ކަމެއްކަމަށް އެ ސްޓޭޝަބުން ދެކޭ ކަމަށް ވެސް އެ ނޫސް ބަޔާނުގައިވެ އެވެ.
ރާއްޖެ ޓީވީ އިން ބުނީ އެ ޓީވީ ސްޓޭޝަން ހުއްޓާލުމަށް އިންޒާރު ދިން އިރު ސްޓޭޝަނުން ކުރަމުންދާާ މަސައްކަތަކީ ގައުމުގައި ހިނގަމުންދާ ކަންކަން އެންމެ ތާޒާކަމާ އެކު ހިނގި ކަމެއް ހިނގި ގޮތަށް ހުއްޓުމެއް ނެތި ގެނެސްދިނުން ކަމަށެވެ.
ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ ބަސް ގެނެސްދިނުމަކީ ގައުމުގައި ފިތުނަ އުފެއްދުން ކަމަށް ބުނެ އެ ސްޓޭޝަން ބަންދުކުރުމަށް ގޮވާލުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
މިނިވަން ނޫސްވެރިކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހަށްގަށާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅުމަށް ކުރަމުންދާ މަސައްކަތް ހުއްޓުމަށް ރާއްޖެ ޓީވީން ވަނީ ގޮވާލާފަ އެވެ.