04 Feb 2018, 14:36
ޑާކްރެއިން އެންޓަޓެއިންމަންޓުން އަންނަ މާޗް މަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފީޗާ ފިލްމު "ވަކިން ލޯބިން"ގެ ދެ ޝޯއެއް އެ މަހުގެ ނުވަ ވަނަ ދުވަހު އަޅުވަން ހަމަޖައްސައިފިއެވެ.
ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ އެ ދުވަހު ހަވީރު 04:00 ގައި އެއް ޝޯ އެޅުވުމަށް ފަހު އެރޭ 09:00ގައި އަނެއް ޝޯ އެޅުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ހުކުރު ދުވަހުގެ ހަވީރު ޝޯއަށް ޓިކެޓް ބުކް ކުރުން މިހާރު ހުޅުވާލާފައިވާ ކަމަށާއި ހަވީރު ފިލްމުގެ ޝޯއެއް ދައްކަން ނިންމީ އެ ދުވަހަކީ ބަންދު ދުވަހެއް ކަމުން ވަޒީފާގައި އުޅުއްވާ ބޭފުޅުންނަށް ލުއި ފަސޭހަކޮށްދިނުމަށްޓަކައިކަމަށް މޮގާ ބުންޏެވެ.
މާޗް ނުވައެއްވާ (ހުކުރު) ދުވަހުގެެ ހަވީރުގެ ޝޯއަށް އެންސީއޭ އިން ހުއްދަ ދީފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.
ހުކުރު ދުވަހުގެ ހަވީރު ފިލްމު އެޅުވުމާއެކު އެ ފިލްމު ވެގެންދާނީ ހަވީރު ޝޯއެއް އެޅުވި ފުރަތަމަ ފީޗާ ފިލްމަށްވެސް މެއެވެ.
އެންމެ ފަހުން ބޭއްވި އަށް ވަނަ ދިވެހި ފިލްމު އެވޯޑްސްގައި އެންމެ މޮޅު ޑައިރެކްޓަރަކަށް ހޮވުނު އަލީ ޝިފާޢު (ޗިއްޕެ) ޑައިރެކްޓް ކުރާ އެ ފިލްމުގެ ލީޑް ތަރިންގެ ގޮތުގައި ފެންނާނީ ޖުމައްޔިލް ނިމާލް އަދި މަރިޔަމް މަޖުދާ (މަޖޫ) އެވެ.
އޭގެ އިތުރުން ނުޒުހަތު ޝުއައިބު (ނުޒޫ)، ހަދީޖާ އިބްރާހިމް (ކުޑަހައްޖަ)، އަހުމަދު ސުނީ، އާދަމް ރިޒްވީގެ އިތުރުން މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަނުން ފެނުނު އިބްރާހިމް އަމަން ވެސް މި ފިލްމުން ފެނިގެންދާނެއެވެ.
އަންނަ މާޗް މަހުގެ ފަސް ވަނަ ދުވަހު ރިލީޒްކުރާ ފިލްމު "ވަކިން ލޯބިން" އަކީ މުހިއްމު މެސެޖެއް އަންގައިދޭ، މުޖުތަމައަށް ބޭނުންތެރި މެސެޖެއް ރައްދު ކޮށްދޭނެ ފިލްމެއްކަމަށާއި ފިލްމަކީ ރާއްޖޭގައި އާއިލާ ތަކުގައި ހިނގާ ބޮޑު މައްސަލައަކަށް ތައްޔާރުކޮށްފައިވާ ފިލްމެއް ކަމަށް މޮގާ ބުންޏެވެ.