މިއަދު ހެނދުނު ބޭއްވުމަށް ކްރިމިނަލް ކޯޓުގައި ތާވަލުކުރި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫންގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.

މިއަދު 10:00 ގައި ބާއްވަން ތާވަލްކުރީ ފާރިސްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާގެ އަޑުއެހުމެކެވެ.

މިއަދުގެ އަޑުއެހުމަށް ވަނުމަށް ނޫސްވެރިންނާއި ފާރިސްގެ އާއިލާގެ އިތުރުން އިދިކޮޅު ބައެއް ކޯލިޝަންގެ ބައެއް ބޭފުޅުން ވެސް ވަނީ ނަންނޯޓުކޮށްފައެވެ.

ޝަރީއަތް ފެށުމަށް ހަމަޖެހިފައިވާ ގަޑިއަށްވުރެ ގަޑިއެއް ހާއިރު ފަހުން ކްރިމިނަލް ކޯޓުން ވަނީ މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވެގެން ޝަރީއަތް ކެންސަލްކޮށްފައިވާ ކަމަށް ބުނެފައެވެ.

ފާރިސްގެ ޝަރީއަތް ކެންސަލްކޮށްފައިވާއިރު އޭނާ ހުންނެވީ ފުލުހުންގެ ބަންދުގައި ދޫނިދޫގައެވެ. އަދި މިއަދުގެ ޝަރީއަތުގެ އަޑުއެހުން ކެންސަލް ކުރުމާހަމައަށް ވެސް ފާރިސް ކޯޓަށް ހާޒިރެއް ނުކުރެއެވެ. އަދި އޭނާ ކޯޓަށް ހާޒިރު ނުކުރި ސަބަބެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުންގެ ބަންދުގައި ފާރިސް ހުރިއިރު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ ސިޔާސީ ބައެއް ބޭފުޅުންނާ ފާރިސް ވެސް ވަގުތުން މިނިވަން ކުރުމަށް އަމުރުނެރެފައެވެ. ނަމަވެސް އެ އަމުރު މިއަދާ ހަމައަށް ވެސް ތަންފީޒްކޮށްފައެއް ނުވެއެވެ.