04 Feb 2018, 11:40
ރާއްޖެ ޓީވީ ބަންދު ކުރުމަށް ސަރުކާރު ހިންގާ ޕީޕީއެމް އިން ގޮވާލައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ރާއްޖެ ޓީވީ ބަންދު ކުރުމަށް ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް އެޕާޓީން ގޮވާލާ ކަމަށެވެ.
ރާއްޖެ ޓީވީ ބަންދުކުރަންޖެހޭ ސަބަބެއް ކަމަށް އަދުރޭ ތުހުމަތު ކުރެއްވީ ފިތުނަފަސާދަ އުފައްދަން އެ ސްޓޭޝަނުން މަސައްކަތް ކުރާ ކަމަށެވެ.
"އެފަދަ ފިތުނަ ފަސާދަ އުފައްދަން ކުރާ މަސައްކަތް އެއީ އަޅުގަނޑު ގަބޫލުކުރާ ހަމައިގައި ގާނޫނީ ގޮތުން ކުށްވެރިވާނެ ކަމެއް. ވަގުތުން ވަގުތަށް ޕީޕީއެމްގެ ނަމުގައި ދައުލަތުގެ އިދާރާތަކަށް ގޮވާލަން ރާއްޖެ ޓީވީ ބަންދު ކުރުމަށް. އިދިކޮޅަށް އަޅުގަނޑު ބުނެލަން ބޭނުން ވަނީ ހޯހޯ އޭ. ގައުމަށް ބޭނުން ގޮތެއް ދެނެއް ނެހެދޭނޭ،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ރާއްޖެ ޓީވީ އަކަށް ބޭނުންހާ ވާހަކަތަކެއް ނުދެއްކޭނެ ކަމަށާއި މި ގައުމަކީ ދިވެހި ރައްޔިތުންގެ ގައުމެއް ކަމަށެވެ.
ގައުމުގައި ބައިބައިވުން އުފައްދަން ޖާގަ ދީގެން ނުވާނެ ކަމަށާއި ގައުމަށްޓަކައި ފުރާނަ ދުއްވާލަން ޖެހުނަސް ތައްޔާރަށް ހުންނެވި ކަމަށް އަދުރޭ ވިދާޅުވިއެވެ.