ބޮލީވުޑްގެ ކުޅަދާނަ ލަވަކިޔުންތެރިޔާ އަންކިތު ތިވާރީ މި މަހުގެ 23 ވަނަ ދުވަހު ކައިވެނި ކުރުމަށް ތައްޔާރުވެއްޖެ އެވެ.

ދެހާސް ބާރަ ވަނަ އަހަރު ރިލީޒް ކުރި ކާމިޔާބު ފިލްމު 'އާޝިގީ 2' އިން ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ހޯދި ހިޓް ލަވަ 'ސުން ރަހާ ހޭ ނާ ތޫ' ކިޔައިދީފައިވާ އަންކިތު ކައިވެނި ކުރާނީ އޭނާގެ އުފަން އަވަށް، ކާންޕޫރުގަ އެވެ.

އަންކިތު ކައިވެނި ކުރަނީ ބެންގަލޫރޫގައި މަސައްކަތް ކުރަމުން އަންނަ މެކޭނިކަލް އިންޖިނިއަރެއް ކަމަށްވާ ޕައްލަވީ ޝުކްލާ އާއެވެ. ޕައްލަވީ އަކީ އަންކިތުގެ މައިންބަފައިންގެ ހޮވުމެކެވެ.

އަންކިތު ބުނީ އަމިއްލަ އަށް ހަޔާތުގެ ބައިވެރިޔަކު ހޮވުމަށް މައިންބަފައިން ދުވަހަކު ވެސް ހުރަސްނާޅާ ކަމަށާއި އެހެން ނަމަވެސް ލޯބީގައި އޭނާ އަކީ އެހާ ކާމިޔާބު މީހަކަށް ނުވުމުން، އެކަން މައިންބަފައިންނަށް ދޫކޮށްލީ ކަމަށެވެ.

އަދި ޕައްލަވީ އަކީ ވަރަށް ސާދާ މިޒާޖުގެ ކުއްޖެއް ކަމަށާއި މިހާރު ވެސް އަންކިތުގެ އާއިލާ އާއި ވަރަށް ގުޅޭ ކަމަށެވެ. އަންކިތު ބުނީ ދުވަސް ކައިރިވަމުން އަންނަ ވަރަކަށް އުފާވެރިކަމާއި ހާސްކަން ވެސް އިތުރުވަމުން އަންނަ ކަމަށެވެ.

ރޭޕްގެ ތުހުމަތުގައި 2014 ވަނަ އަހަރު ފުލުހުން ވަނީ އަންކިތު ހައްޔަރުކޮށްފަ އެވެ. އަންކިތަށް ރޭޕްގެ ތުހުމަތުކޮށްފައި ވަނީ އޭނާގެ ކުރީގެ ލޯބިވެރިޔާ ކަމަށް ބުނާ އަންހެނެކެވެ.

އޭނާ ފުލުހުންނަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ ކައިވެނި ކުރާނެ ކަމަށް ބުނެ، 2012 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހާ ހަމައަށް، އެކި ފަހަރު މަތިން އަންކިތު އޭނާ ގަދަކަމުން ޖިންސީ ގުޅުން ހިންގާފައިވާ ކަމަށެވެ.

ނަމަވެސް މައްސަލަ ހުށަހެޅި ފަރާތުން ޝަރީއަތުގައި ހެކިބަސް ދޭން އިންކާރު ކުރުމުން، މިދިޔަ އޭޕްރީލް މަހު ކޯޓުން ވަނީ އަންކިތުގެ މައްޗަށް ދައުވާ ސާބިތު ނުވާކަމަށް ހުކުމްކޮށްފަ އެވެ.

އަންކިތު ބުނީ އެ ހުރިހާ ކަމެއް ވެސް ޕައްލަވީ އަށް އެނގޭނެ ކަމަށާއި ޕައްލަވީގެ ފަރާތުން ޝަކުވާ އެއް ނެތް ކަމަށެވެ.