18 Aug 2011, 16:33
ސީޝެލްސްގައި ކުރިއަށް ދިޔަ އަށް ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ނެރުނު ނަތީޖާއާ މެދު ހިތްހަމަޖެހޭ ކަމަށް އެފްއޭއެމްގެ ރައީސް އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
އެފްއޭއެމް ހައުސްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، ދިވެހި ޓީމާ ދެކޮޅަށް މުބާރާތުގައި ވަދާކުރި އެހެން ޓީމްތަކުގެ ފެންވަރާ ސީޝެލްސްގައި ޓީމަށް ހުރި ފެސިލިޓީޒްގެ ފެންވަރަށް ބަލާއިރު އަދި ކުރިމަތިވި ކަންތައްތައް އެނގުމުން، ނެރުނު ނަތީޖާއަކީ ހިތްހަމަ ޖެހޭ ވަރުގެ ނަތީޖާއެއް ކަމަށެވެ.
"ޓީމު މުބާރާތައް ދިޔައީ މެޑައްޔެއް ހޯދުން. އެކަމަކު އެތަނުގެ ކޮންޑިޝަނާއި ވާދަކުރަން ޖެހޭ ޓީމުތަކަށް ބަލާފައި ފުޓްބޯޅަ ޓީމު ކުރި މަސައްތަކަށް ނުވަތަ ހޯދި ނަތީޖާއާ މެދު އަޅުގަނޑު ޝުކުރެވެރިވަން. ފަހު މެޗުގެ ނަތީޖާއާ މެދު އަޅުގަނޑު ހިތްހަމަނުޖެހުނަސް ޖުމްލަކޮށް ނެރުނު ނަތީޖާއާ މެދު އެފްއޭއެމްގެ ރައީސްގެ ހައިސިއްޔަތުން ޝުކުރު އަދާކުރަން،" އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ ރާއްޖޭގެ ޓީމަށް ކުރިމަތިވި މައްސަލަތަކާ ގުޅިގެން މުބާރާތުގައި ކާމިޔާބެއް ހޯދުމުގެ ބަދަލުގައި ކުޅުންތެރިން ވިސްނުން ބޮޑަށް ދިޔައީ 15 ދުވަހު އެތަނުގައި ތިބެވޭނެ ގޮތަކާ މެދު ކަމަށެވެ. އަދި ރާއްޖޭގެ ޓީމަށް ލިބުނު ފެސިލިޓީޒްއާ މެދު ހިތްހަމަނުޖެހިގެން ސީޝެލްސްއާ ދެކޮޅަށް ރާއްޖެ ކުޅެން އޮތް މެޗު ނުކުޅެ ޓީމު މާލެ އައުމުގެ ހުއްދަ ވެސް ދިން ކަމަށް އާޒިމް ވިދާޅުވި އެވެ.
"ސީޝެލްސްގެ ކަންތައްތައް އެންމެ އެދެވޭ ގޮތުގައި ނެތުމުން ޓީމް އެބުރި މާލެ އައުމަށް ހުދަ ދިނިން. އެއީ ބާކީ އެއްމެޗް ކުޅެން އޮވާ. އެކަމަކު ޓީމް އެބުރި މާލެ ނާއީ 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ރާއްޖެ ބިޑްކޮށްފައިވާތީ. އެކަމަށް ވިސްނާފައި. ރާއްޖޭގެ ނަން ހަޑިކުރަން ބޭނުންނުވާތީ. އެހުރިހާ ކަމަކަށް ބަލާފައި ފަހު މެޗުގައި ވެސް ޓީމު ވާދަކުރީ،" އާޒިމް ބުންޏެވެ.
މިއަދުގެ ނޫސްކޮންފަރެސްގައި ނޫސްވެރިޔަކު ކުރިސުވާލަކަށް ޖަވާބު ދެއްވަމުން އާޒިމް ވިދާޅުވީ، ސީޝެލްގައި ޓީމު ތިބިއިރު ޓީމުގެ ބައެއް ކުޅުންތެރިންނާ އެކު ދަންވަރު މަޖާކޮށް، ކަރޯކޭ ޖެއްސުމަށް ޓީމުގެ މެނޭޖަރު އުޅުނުތަން ފެނުނު ކަމަށް މުބާރާތަށް ދިޔަ ބައެއް އޮފިޝަލުން ބުނި ކަމުގައި ވިޔަސް އެއީ މާބޮޑު މައްސަލައެއް ނޫން ކަމަށެވެ.
"ކުޅުންތެރިން މޯޓިވޭޓްކުރުމަށް ކުޅުންތެރިން މުނިފޫހިފިލުވައިދޭނެ ގޮތްތަކެއް ހޯދަން ޖެހޭ. އެގޮތަށް އެކަންކޮށްގެން ކުޅުންތެރިން ހިފެހެއްޓީތީ މެނޭޖަރަށް ސެލިއުޓްކުރަން ޖެހޭ، އެއީ މައްސަލައެއް ކަމަށް ޤަބޫލެއް ނުކުރެވޭ،" މިއަދުގެ ނިއުސްކޮން ފަރެންސްގައި އާޒިމް ވިދާޅުވި އެވެ.
މީގެއިތުރުން މިއަދުގެ ނިއުސް ކޮންފަރެންސްގައި އިތުރަށް ވާހަކަ ދައްކަމުން އާޒިމް ވިދާޅުވީ، މިހާރު ވެސް މަސައްކަތް ކުރަމުން މިއަންނަނީ އަދި އިތުރު އެސިސްޓެންޓް ކޯޗެއް ޓީމަށް ނެގުމަށާއި އެގޮތުން މިހާރު ސޯޓް ޝޯޓްލިސްޓްކޮށްފައި ވަނީ ދެ ކޯޗެކެވެ. އެއީ މޫސާ މަނިކު )ކުޑަމޫސަ( އާއި އިހުސާން އަބްދުލް ޣަނީ )ސާންތި(އެވެ.
ޓީމުގެ ހެޑް ކޯޗު އާޖެންޓީނާގެ ޑިއޭގޯ ކްރުސިއާނީ އަށް އިތުރު އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ގޮތުން އިތުރު ކޯޗަކު ހަމަޖައްށާއިރު މިހާރު ވެސް ޓީމާ އެކު މަސައްކަތް ކުރަމުން އަންނަ އެސިސްޓެންޓް ކޯޗަކީ އޯލް ޔޫތު ލިންކޭޖް )އޭވައިއެލް(ގެ ކުރީގެ ކޯޗު މުހައްމަދު އާތިފް )އާތި( އެވެ.