ރާމަﷲ (ފެބްރުއަރީ 4) : ފަލަސްތީނާއި އިސްރާއީލާ ދެމެދު ސޮއިކޮށްފައިވާ އޮސްލޯއެއްބަސްވުމުން ވަކިވުމަށާއި އިސްރާއީލަކީ ދައުލަތެއް ކަމަށް ގަބޫލުކުރާ ކުރުން ނިމުމަކަށް ގެންނާނެ ކަމުގެ އިޝަރާތެއް ފަލަސްތީނުން ދީފި އެވެ.

ރައީސް މަހްމޫދު އައްބާސްގެ ރިޔާސަތުގައި ޕެލަސްޓައިން ލިބަރޭޝަން އޮގަނައިޒޭޝަން (ޕީއެލްއޯ) އިން ރާމަﷲގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ޕީއެލްއޯގެ ތަންފީޒީ ކޮމިޓީން ފަލަސްތީނުގެ ސަރުކާރަށް އަންގާފައި ވަނީ އޮސްލޯއެއްބަސްވުމުން ވަކިވުމަށާއި އިސްރާއީލަކީ ދައުލަތެއް ކަމަށް ގަބޫލުކުރާ ކުރުން ނިމުމަކަށް ގެނައުމަށް ކުރަން ޖެހޭ ގާނޫނީ އަދި އިދާރީ މަސައްކަތްތައް އަވަހަށް ކުރުމަށެވެ.

ޕީއެލްއޯގެ ތަންފީޒީ ކޮމިޓީގެ ވެރިއަކީ ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ކަމަށްވެފައި ފަލަސްތީނުގެ ސަރުކާރުގެ ވެރިއަކީ ވެސް އައްބާސް ކަމަށްވާތީ މިއީ އޮސްލޯއެއްބަސްވުމުން ވަކިވުމަށާއި އިސްރާއީލަކީ ދައުލަތެއް ކަމަށް ގަބޫލުކުރާ ކުރުން ނިމުމަކަށް ގެނައުމަށް ފަލަސްތީނުން ވަރަށް އަވަހަށް ނިންމާނެ ކަމުގެ އިޝަރާތެއްކަމަށް ވަނީ ބެލެވިފަ އެވެ. ފަލަސްތީނުން މިފިޔަވަޅު އެޅުމަށް ތައްޔާރުވަމުން މިދަނީ އިސްރާއީލާ އެކު ސުލްހަ ގާއިމްކުރުމުގެ އަސާސް ކަމަށްވާ ގުދްސަކީ އިސްރާއީލުގެ ތަނެއްކަމަށް އިސްރާއީލުން ނިންމި ނިންމުން އެމެރިކާ ގަބޫލުކުރުމާ ގުޅިގެންނެވެ.

މީގެއިތުރުން އިސްރާއީލު ވަނީ ހުޅަނގު އައްސޭރީގައި ޣައިރު ގާނޫނީ ގޮތުން އިސްރާއީލު ބިނާކޮށްފައިވާ ޔަހޫދީ އަވަށްތައް ހުންނަ ބިންތަކަކީ އިސްރާއީލުގެ ބިންތަކެއް ކަމަށް ވެސް ދާދިފަހުން ނިންމައިފަ އެވެ. އިސްރާއީލާއި އެމެރިކާގެ މި ހަރުކަށި އަދި އިންސާފުނެތް ނިންމުންތަކާ ގުޅިގެން ފަލަސްތީނުން ވަނީ އެމެރިކާ އިސްވެ އޮވެގެން ކުރިޔަށްގެންދާ ސުލްހައިގެ ވާހަކަތަކެއްގައި ބައިވެރިނުވުމަށް ނިންމައިފަ އެވެ.

ފަލަސްތީނުން މިގޮތަށް ނިންމުމުން އެމެރިކާ ވަނީ ފަލަސްތީނުގެ ލީޑަރުންދެކެ ވަރަށްބޮޑަށް ރުޅިއައިސް ފަލަސްތީނުގެ ރެފިއުޖީންނަށް ދޭ އިންސާނީ އެހީގެ ބޮޑުބައެއް ކަނޑާލައިފަ އެވެ. އެއީ ފަލަސްތީނަށް ފިއްތުންތައް ކުރިމަތި ކުރުމުގެ ގޮތުންނެވެ. މިއާއެކު ފަލަސްތީނުގެ ލީޑަރޝިޕް ބަދަލުކޮށް އެމެރިކާ ބުނާގޮތަށް ހަދާނެ ފަލަސްތީނުގެ ލީޑަރުންތަކެއް ހޯދުމުގެ މަސައްކަތް ވެސް އެމެރިކާ ވަނީ ފަށައިފަ އެވެ.

މީގެއިތުރުން ވައިޓް ހައުސް އިންވަނީ އެމެރިކާއާއި އިސްރާއީލަށް ފެންނަ ގޮތަކަށް އަދި ހަމައެކަނި އިސްރާއީލުގެ މަސްލަހަތަށް ރިޢާޔަތްކޮށްގެން ފަލަސްތީނުގެ މައްސަލަ ހައްލުކުރުމުގެ މަޝްރޫޢެއް އެކުލަވާލުމުގެ މަސައްކަތް ފަށައިގެން ކުރިޔަށް ގެންދާކަން އިއްލާންކޮށްފަ އެވެ. ހަމައެކަނި އިސްރާއީލުގެ މަސްލަހަތަށް ރިޢާޔަތްކޮށްގެން އެމެރިކާ އެކުލަވާލާ ސުލްހައިގެ މަޝްރޫއު ފަލަސްތީނުން ގަބޫލުނުކުރިޔަސް އިސްރާއީލާއި ސައޫދީ އާއި މިސްރާއި އުރުދުން އިން އެމަޝްރޫއު ގަބޫލުކޮށްފި ނަމަ އެއާ އެއްގޮތަށް ފަލަސްތީނުގެ މައްސަލަ ނިންމާލާނެ ކަމުގެ އިޝާރާތެއް އެމެރިކާގެ މަސްއޫލުވެރިން ވަނީ ދެއްވާފަ އެވެ. (އަލްޖަޒީރާ)