04 Feb 2018, 10:03
ސްޕްނިޝް ލަލީގާގައި ރޭ ކުޅުނު މެޗުން ވެސް ރެއާލް މެޑްރިޑް އެއްވަރުވެފައިވާ އިރު، ޓީމުގެ ކުޅުމާއި މެޗުގެ ނަތީޖާއާ މެދު ލަދު ގަންނަ ކަމަށް ކޯޗު ޒައިނުއްދީން ޒިދާން ބުނެފި އެވެ.
ލަލީގާ ތާވަލުގެ 17 ވަނާގައި އޮތް ލެވާންޓޭއާ ދެކޮޅަށް ރަށުން ބޭރުގައި ރެއާލް ކުޅުނު މެޗު އެއްވަރުވީ 2-2ގެ ނަތީޖާއަކުންނެވެ. މެޗުގައި ރެއާލްއަށް ގޯލްތައް ޖަހައިދިނީ ޑިފެންޑަރު ސާޖިއޯ ރާމޯސް އަދި އިސްކޯ އެވެ.

ރޭގެ މެޗުގައި ރެއާލްގެ ފުރަތަމަ ގޯލް ޖެހި ސާޖިއޯ ރާމޯސް --- އޭޕީ/ އޭޕީ
މެޗަށް ފަހު ވާހަކަ ދައްކަމުން ޒިދާން ބުނީ މި އަހަރަކީ ރެއާލްއަށް ވަރަށް ދަތި އަހަރެއް ކަމަށެވެ. ހާއްސަކޮށް ޓީމު އޮތީ ވަރަށް ބޮޑަށް ފޯމުން ކަޓާފައި ކަމަށާއި ރެއާލްއަށް މި ސީޒަންގައި ޖެހިޖެހިގެން ފަސް މެޗުގައި ވެސް ރަނގަޅު ނަތީޖާތަކެއް ނެރެވިފައި ނުވާ ކަމަށް ވެސް ޒިދާން ބުންޏެވެ.
ރޭގެ މެޗުން އެއްވަރުވެ ލަލީގާ ތާވަލުގެ ހަތަރު ވަނާގައި ރެއާލް އޮތްއިރު، ލީގު އެއްވަނާގައި އޮތް ބާސެލޯނާއާ ދެމެދު 18 ޕޮއިންޓްގެ ފަރަގެއް މިހާރު އެބައޮތެވެ. ކޮޕާ ޑެލްރޭއިން ވެސް ރެއާލް ކަޓައިފައިވާ އިރު ކޯޗު ޒިދާން ޕްރެޝަރަށް ގޮސްފައިވާކަން އޭނާ އަމިއްލައަށް ވެސް ވަނީ ބުނެފަ އެވެ.
ރޭގެ މެޗުގައި ކަން ހިނގިގޮތާ ގުޅިގެން ޒިދާން ބުނެފައި ވަނީ މެޗު ކޮންޓްރޯލްކޮށް ރެއާލްއިން ކުޅުނު ނަމަވެސް ގޯލް ޖަހަން ނޭނގުނު ކަމަށެވެ. އަދި ބައިކޮޅަށް ވަން ދެ ގޯލައަކީ ވެސް ހެދުނު ވަރަށް ބޮޑު ދެ ގޯސް ކަމަށާއި ޓީމުގެ ކުޅުމާ މެދު ވަރަށް ބޮޑަށް ލަދު ގަންނަކަމަށް ވެސް ޒިދާން ބުންޏެވެ.

އިސްކޯގެ ގޯލަށް ފަހު އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ
ޒިދާންގެ އިރުޝާދުގެ ދަށުން ރެއާލް ވަނީ ޖެހިޖެހިގެން ދެ ފަހަރަށް ޗެމްޕިއަންސްލީގު އުފުލާލާ، ސްޕެނިޝް ލީގު ވެސް އުފުލާލައިފަ އެވެ. ނަމަވެސް މި ސީޒަންގައި ރެއާލްގެ ފަރާތުން ފެންނަމުންދަނީ ދަށް ކުޅުމެކެވެ.