04 Feb 2018, 09:34
ރިޝްވަތުގެ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ހައްޔަރު ކުރުމަށް ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މާލޭގައި އިމާރާތްކޮށްފައިވާ ކޮމާޝަލް ހައުސިންގް އެޕާޓްމެންޓް ޕްރޮޖެކްޓްގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓްތަކުން ފްލެޓެއް ގަތުމަށް ދާދި ފަހުން ކޮށްފައިވާ މުއާމަލާތެއްގެ ކިތާބީ ހެކި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އަދި އެކަމުގެ ތެރެއިން ރިޝްވަތުގެ މުއާމަލާތެއްގައި ބައިވެރިވެފައިވާ ކަމުގެ ކިތަބީ ހެކި ވެސް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އާއިލާގެ ދެ ބޭފުޅަކު އެ ހައުސިންގް ޕްރޮޖެކްޓްގެ ދަށުން ފްލެޓު ގަތުމަށް މުއާމަލާތްކުރެއްވި ކަމުގެ ކިތާބީ ހެކި ވެސް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެކަމުގެ މައުލޫމާތު ސާފުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މިއަދު ހެނދުނުގެ ވަގުތެއްގައި ޑީޖޭއޭގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ދިރިއުޅުއްވާ ހ. ނިޝާން ޕްލާޒާއަށް ފުލުހުން ވަދެފައިވެ އެވެ. އެހެން ނަމަވެސް އެއީ ކޮން ބޭނުމެއްގައިކަމެއް އެނގިފައެއް ނުވެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ވަނީ، އިދިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ނުވަ ފަރާތެއް މިނިވަންކުރުމަށް އަމުރެއް ނެރެފަ އެވެ. އެހެން ނަމަވެސް މިހާތަނަށް ދައުލަތުގެ މުއައްސަސާތަކުން އެ އަމުރު ތަންފީޒުކޮށްފައެއް ނުވެ އެވެ. ސަރުކާރުން ބުނަނީ އެ އަމުރު ތަންފީޒު ކުރުމަށް ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށެވެ.