ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ހުށަހަޅަން ޖެހޭ ގާނޫނީ ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރުމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ގުޅުމަށް ވަރަށް މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެކަން ކާމިޔާބު ނުވި ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ.

އިއްޔެ ދައުލަތުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަނިލް ވިދާޅުވެފައިވަނީ އުއްތަމަ ފަނޑިޔާރާ ބައްދަލުކުރެވި އަމުރާ ބެހޭގޮތުން ވާހަކަ ދެކެވުނު ކަމަށެވެ. އަދި "ޑިއު ޕްރޮސެސް" ފޮލޯ ކުރަން އުއްތަމަ ފަނޑިޔާރު ލަފާދެއްވި ކަމަށެވެ.

މިރޭ ދައުލަތުގެ މީޑިއާ، ޓީވީއެމްގައި ވާހަކަފުޅު ދައްކަވަމުން އަނިލް ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ޕީޖީ އޮފީހުން މިއަދު ގާނޫނީ ކަންކަން ސުޕްރީމް ކޯޓަށް ހުށަހަޅަން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އެކަން ކާމިޔާބު ވެފައި ނުވާ ކަމަށް އަނިލް ވިދާޅުވި އެވެ.

"ސުޕްރީމް ކޯޓުގެ ކަމާ ގުޅުންހުރި ފަރާތްތަކާ ގުޅޭތޯވެސް މަސައްކަތް ކުރި. އެކަންވެސް ވަނީ ކާމިޔާބުވާގޮތް ނުވެފަ. އަޅުގަނޑު އުއްތަމަ ފަނޑިޔާރާ ގުޅުމަށްވެސް މަސައްކަތް ކުރިން އެކަންވެސް ކާމިޔާބެއް ނުވި،" އަނިލް ވިދާޅުވި އެވެ.

އަނިލް ވިދާޅުވީ ޕީޖީ އޮފީހުން އިލެކްޓްނިކް ޒަރީއާއިން ގާނޫނީ ކަންކަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އަދި އަމުރު ތަންފީޒު ކުރުން ލަސްވަނީ ގާނޫނީ ކަންކަން ފުރިހަމަ ނުވާތީ ކަމަށާއި ރައްޔިތުން ކެތްތެރިވެ ވަޑައިގަންވަން އަނިލް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

ސުޕްރީމް ކޯޓުން ނެރުނު ކޯޓު އަމުރުގައި ބުނެފައިވަނީ "ޖިނާއީ ތަހުގީގުގެ މައްޗަށް ބިނާކޮށް ދައުވާ އުފުލާ ފަރާތަށާއި ފަނޑިޔާރު ގެއަށް ނުފޫޒު ފޯރުވައިގެން ގާނޫނީ އިޖުރާއަތުތަކާ ހިލާފަށް ކޮށްފައިވާ ހުކުމްތަކުގެ މައްޗަށް ބެލެނިވެރިކަމުގެ އިހްތިސާސްގެ ދަށުން ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކަށް ރިއާޔަތްކޮށް ބެލި އިރު، އެ މައްސަލަތަކަކީ ގާނޫނީ ހަމަތަކުގެ މަތީން އަލުން ބަލައި ޝަރީއަތުގެ ފަރާތުން ގޮތް ކަނޑައަޅަން ޖެހޭ މައްސަލައަކަށް ވާތީ، އެ މައްސަލަތަކާ މެދު އަލުން ގޮތެއް ކަނޑައެޅެންދެން،

ގ. ކެނެރީގޭ މުހައްމަދު ނަޝީދު،

މ. ސީނުކަރަންކާގޭ މުހައްމަދު ނާޒިމު،

މ. ކޮޅުފުށީ، މަލްހާރު، އިމްރާން އަބްދުﷲ،

ހ. ސާމަރާ، އަހުމަދު އަދީބު އަބްދުލްޣަފޫރު،

ގއ. މާމެންދޫ، ރަތްމަސްގޭ މުހުތާޒު މުހުސިން،

މ. މާފަންނުވިލާ ގާސިމް އިބްރާހިމް،

މއ. ކިނބިގަސްދޮށުގޭ ފާރިސް މައުމޫން،

ގއ. މާމެންދޫ ވީނަސް، އަހުމަދު ނިހާން،

މ. ޝޫރާމަންޒިލް ހާމިދު އިސްމާއިލް،

އާއި މިފަރާތްތަކާ ބެހޭ މައްސަލަތައް ގާނޫނު އަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތީން ބެލެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ވަގުތުން ދޫކޮށް މިނިވަން ކުރުމަށް އަމުރުކުރާ" ކަމަށެވެ.