25 May 2010, 10:26
14:30
އިރާގުގެ ހަނގުރާމަވެރިންތަކެއް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ ބަޝީރު ހާމިދު އަލް ގުރައިދީ އަށް ހަމަލާދީ އަވަހާރަކޮށްލައިފި އެވެ.
އިރާގުގެ އުތުރުގެ ސަހަރެއް ކަމަށްވާ މޫސަލްގައި ހަރަކާތްތެރިވާ ފުލުހުންގެ އޮފިޝަލަކު ބުނި ގޮތުގައި ގުރައިދީ އަށް ހަމަލާދީފައިވަނީ މޫސަލްގައި ހުންނަ އޭނާގެ ގެކޮޅަށް ވަޑައިގަންނަވަނިކޮށެވެ. އަދި ހަމަލާދިންތާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އޭނާ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އެހެން ނަމަވެސް އޭރު އޭނާ އަވަހާރަވެފައިވާ ކަމަށް އެ ފަރާތުން ބުނެ އެވެ.
މޫސަލްގެ ފުލުހުން އިތުރަށް ބުނި ގޮތުގައި ގުރައިދީ އަވަހާރަވެފައި ވަނީ އޭނާގެ މެޔަށް ބަޑިޖެހުމުގެ ސަބަބުން ލިބިވަޑައިގެން ޒަޚަމްތަކާ ގުޅިގެންނެވެ. އަދި މި ހަމަލާގެ ސަބަބުން އޭނާގެ ޑްރައިވަރު ވެސް ވަރަށް ބޮޑަށް ޒަޚަމްވެފައިވާ ކަމަށާއި މިހަމަލާ ދިން ކަމަށް ޝައްކުކުރެވޭ އެކަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ގުރައިދީ އަކީ އިރާގުގެ ގާނޫނު ހަދާ މަޖިލީހުގެ އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށްފައިވާ ޕާޓީ ކަމަށްވާ އިރާގިއްޔާ އަށް ނިސްބަތްވެވަޑައިގެންނަވާ ބޭފުޅެކެވެ. ގުރައިދީ އަވަހާރަކޮށްލުމަކީ އިރާގުގެ އެކި ކަންކޮޅުތަކުގައި އިތުރު ހަމަނުޖެހުން އުފެދުމަށް މެދުވެރިވާނެ ކަމެއް ކަމަށް މުރާސިލުން ވަނީ ބުނެފަ އެވެ.