އިނގިރޭސި ޕްރިމިއާލީގުގައި ބާންލީއާއި ލީގު އެއްވަނާގައި އޮތް މެންޗެސްޓާ ސިޓީ ވާދަކުރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.

ރޭގެ މެޗަށް ނުކުތް އިރު ސިޓީއަށް ވަނީ އަނިޔާގެ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފަ އެވެ. ސިޓީގެ ސްކޮޑުގައި އާއްމުކޮށް ހިމެނޭ ހަތް ކުޅުންތެރިއަކު މިވަގުތު ތިބީ އަނިޔާގަ އެވެ.

އާއްމުކޮށް މެޗުތަކަށް ނުކުންނަ އިރު ޓީމުތައް ނުކުންނަނީ 18 ކުޅުންތެރިންގެ ސްކޮޑަކާ އެކުގަ އެވެ. ބެންޗުތަކުން ވެސް ހަތް ކުޅުންތެރިން ފެނެ އެވެ. ސިޓީން މި މެޗަށް 17 ކުޅުންތެރިންގެ ސްކޮޑަކާ އެކު ނުކުމެފައިވާ އިރު، އެޓީމުގެ ބެންޗުން ފެނުނީ ހަ ކުޅުންތެރިންނެވެ. ސިޓީގެ ސީޒަން ސްކޮޑުގައި ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިން ހިމެނޭ ނަމަވެސް، މި މެޗުގައި ސިޓީގެ ބެންޗަށް ހަ ކުޅުންތެރިން ގާޑިއޯލާ ނެރުނު ސަބެބެއް ކަމަށް ބެލެވެނީ އޭނާގެ ޓީމަށް ދިމާވެފައިވާ އަނިޔާގެ މައްސަލަ ސަމާލުކަމަށް ގެނައުމަށެވެ.

ރޭގެ މެޗުގައި ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ --- ފޮޓޯ/ އޭޕީ

މެޗު ފެށިގެން އެޓޭކިން ކުޅުމެއް ފެނިގެންދިޔައީ ސިޓީންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 22 ވަނަ މިނެޓުގައި އެޓީމުވަނީ ލީޑު ނަގައިފަ އެވެ. ސިޓީއަށް ގޯލް ޖަހައިދިނީ ބްރެޒިލްގެ ޑިފެންޑަރު ޑެނީލޯ އެވެ. މެޗުގެ ފުރަތަމަ ހާފް ނިމުނީ 1-0ގެ ނަތީޖާއަކުން ސިޓީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފްގައި ވެސް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ސިޓީންނެވެ. މެޗުގައި ގިނަ ހަމަލާތަކެއް ވެސް އުފެއްދީ ވެސް ސިޓީންނެވެ. ސިޓީގެ ފޯވަޑް ލައިނަށް ކުޅެމުން ދިޔަ ރަހީމް ސްޓާލިން އަދި އަގުއޭރޯއަށް ވެސް ވަނީ ގޯލް ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. ނަމަވެސް އެ ފުރުސަތުތައް ދިޔައީ ބޭކާރު ވެގެންނެވެ.

ބާންލީން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ 82 ވަނަ މިނެޓުގަ އެވެ. ބާންލީއަށް ގޯލް ޖަހައިދިނީ ބާގު ގުޑްމަންޑްސަންއެވެ. މެޗު ނިމެންދަނިކޮށް ސިޓީގެ ފޯވަޑް ރަހީމް ސްޓާލިންގަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ވަނީ އެ ފުރުސަތު ވެސް ނާކާމިޔާބު ކޮށްލާފަ އެވެ.

މެޗުގެ ފަހު ވަގުތުގައި ލިބުނު ފުރުސަތު ނާކާމިޔާބުވުމުން ސްޓާލިންގެ މޫނުން ފެނުނީ މާޔޫސްކަން --- ފޮޓޯ/ އޭޕީ

މި މެޗުން އެއްވަރުވި ނަމަވެސް ސިޓީ އޮތީ އިނގިރޭސިލީގު ތާވަލުގެ އެއްވަނައިގަ އެވެ. ނަމަވެސް ދެވަނަގައި އޮތް މެންޗެސްޓާ ޔުނައިޓެޑުން ރޭ ކުޅުނު މެޗުން މޮޅުވެ، އެޓީމުން ވަނީ ސިޓީގެ ލީޑު 13 ޕޮއިންޓަށް ކުޑަކޮށްފަ އެވެ.